ށ. މިލަންދޫން ދާއިމީކޮށް އެއްގަމު ލައިސަންސް ދޫކުރަން ފަށަން އެރަށު ކައުންސިލުން ތައްޔާރުވެއްޖެއެވެ.

މިލަންދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ އާތިފް ''ތިލަދުން'' އަށް ވިދާޅުވީ، އެކަމަށް ބޭނުންވާ އެންމެހާ އިންތިޒާމްތައް މިހާރު އެރަށުގައި ގާއިމު ކުރެވިފައިވާ ކަމަށެވެ.

Ad
rt

މިގޮތުން ދުއްވާ ޓްރެކާއި، ލައިސަންސް ކާޑް ޕްރިންޓް ކުރަން ބޭނުންވާ އާލާތާއި، އެކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީން ކުރުންފަދަ ހުރިހާ މަރުޙަލާއެއް ފުރިހަމަވެ، ޓްރާންސްޕޯޓް މިނިސްޓްރީން ނަގަންޖެހޭ ހުއްދަތައް ވެސް ނަގާފައިވާ ކަމަށް އާތިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި މި ޚިދުމަތް އަންނަ ބުރާސްފަތި ދުވަހުގެ ރޭ ރަސްމީކޮށް ފެށުމަށް އެ ކައުންސިލުން އަންނަނީ ތައްޔާރު ވަމުންނެވެ. މި މަސައްކަތް އެއްކޮށް ނިންމާލެވޭއިރު ކައުންސިލްގެ ބަޖެޓުން ފަސް ލައްކައެއްހާ ރުފިޔާ ޚަރަދުވާނެ ކަމަށް އާތިފް ލަފާކުރައްވައެވެ.

''މި ޚިދުމަތަކީ ވަރަށް ގިނަ ރައްޔިތުން އެ ޚިދުމަތަކަށް އެދިއެދި ތިބި ޚިދުމަތެއް، މިކަމުގެ ސަބަބުން އަލަށް ލައިސަންސް ނެގުމަށާއި، އާ ކުރަން ވެސް މިރަށުގެ ރައްޔިތުންނަށް ބޮޑު ފަސޭހައެއް ލިބޭނެ، ރަށުގައި ތިބެގެން ކުޑަ ޚަރަދަކުން ވަގުތު ސަލާމަތްކުރުމާއެކު މިކަން ކޮށްލެވޭނެ، މިރަށުގެ ރައްޔިތުންގެ އިތުރުން އަވަށްޓެރި ރަށްތަކުން ވެސް މިރަށަށް ޚިދުމަތް ހޯދަން އަންނާނެ، މިއީ އެރަށްތަކުގެ ރައްޔިތުންނަށް ވެސް ފަސޭހަ ލިބިދޭނެ ކަމެއް'' އާތިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އަލަށް ލައިސަންސް ނެގުމަށް މިހާރު ވެސް އެރަށުގެ 117 ވަރަކަށް މީހުން ކައުންސިލްގައި ވަނީ ނަން ނޯޓުކޮށްފައެވެ. އެ ޚިދުމަތް ފެށުމާއެކު ތާވަލެއްގެ ދަށުން އެ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދެއްވާނެ ކަމަށް ވެސް އާތިފް ވިދާޅުވިއެވެ.

މިލަންދޫން ދާއިމީކޮށް އެއްގަމު ލައިސަންސް ލިބެން ފެށުމަކީ އެރަށާއި، ކައިރި ރަށްރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހަ އެކެވެ.