ބޮޑު ތިލަދުންމަތީގައި އަށްހާސް ޓޫރިސްޓް އެނދު ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޒޯން 1 ގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކުރުމަށް، "ބޮޑުތިލަދުންމަތި ގުޅާލުން" ނަމުގައި ރޭ، ހއ. ދިއްދޫ ބަނދަރު ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ރައީސް ދެއްކެވިވާހަކަފުޅުގައި ވަނީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢަށް އަލިއަޅުވާލައްވާފައެވެ. އަދި އެ މަޝްރޫޢުން ބޮޑު ތިލަދުންމައްޗަށް ގެންނަން ބޭނުންފުޅުވާ ތަރައްގީ ކުލަކޮށްދެއްވިއެވެ.
މިގޮތުން ހަނިމާދޫގައި މިހާރު އޮތް 1.2 ކިލޯ މީޓަރުގެ ރަންވޭ، ދެން ބަދަލުވާނީ 2.46 ކިލޯ މީޓަރުގެ ރަންވޭއަކަށްކަން ފާހަގަ ކުރައްވަމުން އެއީ އޭޝިއާގެ އިރުމައްޗާއި، ދެކުނު އިރުމަތީ އޭޝިޔާއިން ސީދާ ފްލައިޓް އޮޕަރޭޓް ކުރެވޭނެ އަދި މެދުއިރުމައްޗާއި، އިރުމަތީ އެފްރިކާ ބޮޑުތިލަދުންމައްޗާ ގުޅުވައިދޭނެ ރަންވޭއެއްކަން ފާހަގަ ކުރެއްވިއެވެ.
ރަންވޭއަށް އަންނަ ތަރައްޤީ، ޓާމިނަލަށް ނުގެނެސް ހަނިމާދޫ އިންޓަރނޭޝަލް އެއާޕޯޓު ތަރައްގީ ނުކުރެވޭނެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ބޭނުންފުޅު ވަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޒަމާނީ ޓާމިނަލެއް އަލުން އިމާރާތް ކުރުން. ކަމަށެވެ.
''ރަންވޭ ދިގުކޮށް، ޓަރމިނަލް އާކޮށް ބޮޑުކުރާނަމަ، އެއާގުޅޭ ކޮންމެހެން ލާޒިމް އަނެއް ބޮޑު ބަދަލު، މި ބޮޑުތިލަދުންމައްޗަށް އަންނަންޖެހޭނެ. މި ސަރަޙައްދުގައި ރިޒޯޓް، ހޮޓާ، ގެސްޓްހައުސްގެ ގޮތުގައި އަށްހާސް ޓޫރިސްޓް އެނދު ޤާއިމުކުރުމުގެ އަމާޒު އަޅުގަނޑުމެންގެ އެބައޮތް.'' ރައީސް ވިދާޅުވިއެވެ.
ރައީސް މިފަދައިން ވިދާޅުވިއިރު ރާއްޖޭގައި މިވަގުތު ފަތުރުވެރިކަމުގެ މަންފާއިން މަހްރޫމްވެފައިވާ ހަމައެކަނި އަތޮޅު އޮތީ ވެސް ބޮޑު ތިލަދުން މަތީގައެވެ. އެ އަތޮޅުގައި މިހާތަނަށް އޮޕަރޭޓް ކުރަނީ އެންމެ ރިސޯޓެކެވެ. އެ ރިސޯޓަކީ އެނދުގެ އަދު މަދުކަމާއެކު އަތޮޅުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތަކާއި އެހެނިހެން ފުރުސަތުތައް ވެސް ވަރަށް މަދުން ލިބޭ ތަނަކަށްވާތީ އެއަތޮޅު ރައްޔިތުން އަދިވެސް ސިފަކުރަނީ އެ އަތޮޅުގައި ހަގީގީ ރިސޯޓެއް ނެތް ކަމަށެވެ. އެ އަތޮޅުގައި ބައެއް ގެސްޓް ހައުސްތައް ހިންގަމުންދެއެވެ.
ސަރުކާރުން ހިންގާ މި މަޝްރޫޢާއެކު މި ސަރަޙައްދަށް ދިރުންލިބި، ފަތުރުވެރިކަން ކާމިޔާބުކަމާއެކު ފަށައިގަނެވުމަކީ ހދ. އަތޮޅާއި ބޮޑު ތިލަދުންމަތީ މީހުންގެ ވަރަށް ބޮޑު އުންމީދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!