ދިވެހި މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ވަގުތުން ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކުއްލި މައްސަލައެއް، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އެއް ނައިބު ރައީސްގެ މަގާމުވެސް ފުރުއްވަމުންދާ ޝިޔާމް ހުށަހެޅުއްވި މި މައްސަލައިގައި ވިދާޅުވެފައިވަނީ ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެފައިވާ މިދުވަސްވަރު މަސްގަންނަ މިންވަރު ލިމިޓްކޮށްފައިވާތީ އާއި މަސްވެރިން ގަދަ އަވީގައި ކަނޑުމަތީގައި ދުއްވައިގެން މަސްވެރިން ބާނާ މަސްކޮޅު ކުރިވަން އެތައް ދުވަހަކު ކިޔޫގައި މަޑުކުރަން ޖެހޭ ކަމަށެވެ.

Ad
rt

މީގެ އިތުރުން ބައެއް ދޯނިތަކުން ބާނާ މަހުގެ 90 އިންސައްތަ އަގު ނުލިބި ބަހާލަން ޖެހޭކަން ފާހަގަކުރައްވާ ޝިޔާމްގެ ކުއްލި މައްސަލައިގާ ވަނީ މަސްވެރިންނަށް ރަނގަޅު އަގެއްގައި އައިސް ނުލިބޭކަން ވެސް ފާހަގަކުރައްވާފައި ވެއެވެ. އަދި މަސް ކިޔޫ އާއި ތެޔޮ ކިޔޫގައި ރެޔާއި ދުވާލު ތިބެތިބެ މަސްވެރިން ގޮތްހުސްވެފައިވާ ކަމަށް ވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ހަމަމިއާއެކު ކޮންމެ މަސްވެރި މޫސުމެއްގައި މަސްވެރިން މިޙާލުގައި އުޅެންޖެހޭކަން ފާހަގަކުރައްވާ މިކަން މިހެން ދިމާވާކަން ސަރުކާރަށް އެނގޭއިރުވެސް މިކަމަށް ތައްޔާރު ނުވާކަމަށް އެ މައްސަލާގައި ވިދާޅުވެފަ ވެއެވެ.

މީގެ އިތުރުން މަސްރައްކާކުރެވޭނެ ކެޕޭސިޓީ އިތުރު ނުވާ ކަމަށާއި މަސްވެރިންނަށް ހަމައަގު ހޯދައިދިނުމަށް ރިޔާސީ އިންތިހާބުގައި ވީ ވައުދު ފުއްދުމަށް ސަރުކާރުން އެއްވެސްކަމެއް ނުކުރާކަމަށް ވެސް ޝިޔާމް ވިދާޅުވެފަ ވެއެވެ.

މި ސަރުކާރަށް ހަތަރު އަހަރު ފުރޭއިރު ވެސް މަސްކިރުމާއި މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތަކަށް ޙައްލެއް ނުލިބި މަސްވެރިން ބާނާ މަސް ނުކިރުވި، މަސްވެރިން އިތުރަށް ބިކަވަމުންދާ ކަމަށް ވެސް ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައިގާ ވިދާޅުވެފަވެއެވެ.