ށ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އެ އަތޮޅު ވެރިރަށް ފުނަދޫގައި ކުރިއަށް ގެންދިޔަ ހޭންޑް ބޯލް ކޯޗިންގ ކޯސް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
މި ކޯހަކީ ށ. އަތޮޅު ކައުންސިލުގެ މި އަހަރުގެ ބަޖެޓްގައި ހިމަނައިގެން ށ. އަތޮޅުކައުންސިލާއި، ހޭންޑްބޯލް މޯލްޑިވްސް އާއި، މޯލްޑިވްސް އިންސްޓިޓިއުޑް އޮފް ސްޕޯޓްސް އާއި، ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެކެވެ.
މިކޯހުގައި އެ އަތޮޅުގެ 11 ރަށަކުން 24 ބައިވެރިން ކޯސް ފުރިހަމަކޮށްފައިވާއިރު 20 ބައިވެރިންވަނީ ސެޓްފިކެޓް ޙާޞިލުކޮށްފައެވެ.
މިމަހުގެ 6 އިން 13 އަށް ކުރިއަށް ގެންދިޔަ މި ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިއްޔެ ހެނދުނު 10:00 ގައި ށ. އަތޮޅުވެހި 2ގެ ކޮންފަރެންސް ހޯލުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ށ.އަތޮޅުކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޝިޔާމް ވަނީ، މިކޯހުގެ ބައިވެރިންގެ ފަރާތުން ކޯހުގެ މުއްދަތުގައި ފެނިފައިވާ ރިވެތި އަޚުލާޤުގެ މައްޗަށް އަލިއަޅުވާލައްވައިވާހަކަ ދައްކަވާފައެވެ. އަދި މި ކޯހުން ލިބުނު ފިލާވަޅުތަކާ އެއްގޮތަށް ރަށްރަށުގައި ކޯޗިންގ ކޯސްތައް ހިންގައި، މި އަހަރު އަތޮޅުކައުންސިލުން ބާއްވާ ހޭންޑްބޯލް މުބާރާތުގައި ރަނގަޅު ޓީމުތަކެއް އެކުލަވާލުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން ޝިޔާމް ވަނީ މި މި ޕްރޮގްރާމު ކުރިޔަށްގެންދިއުމުގައި ހޭންޑްބޯލް މޯލްޑިވްސްއިން ވެދެއްވި އެހީތެރިކަން ފާހަގަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ބައިވެރިންނަށް ހަނދާނީ ލިއުން ބައްސަވައިދެއްވީ ށ.އަތޮޅުކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމާއި، ކައުންސިލްގެ ސީނިޔަރ ކައުންސިލް އެގްޒެކެޓިވް މުޙައްމަދު ޙަމީދާއި، ކޯޗް އިބްރާހީމް ހައިޝަމް ޢަބްދުﷲ އެވެ.
މިރަސްމިއްޔާތުގައިށ. އަތޮޅުކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް ކޯޗުންނަށް ހަނދާނީ ލިއުން ޙަވާލުކޮށްދެއްވާފައިވާއިރު، ކޯޗުންނާއި، އެންމެހާ ބައިވެރިން ސޮއިކޮށްފައިވާ ބޯޅަ އަތޮޅު ކައުންސިލާ ޙަވާލުކޮށްދެއްވީ ކޯޗް އިބްރާހީމް ހައިޝަމް ޢަބްދުﷲ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!