ކަމާބެހޭ ހުއްދަ ނުނަގައި، އެލެކްޓްރޮލައިޓްސް އާއި ވިޓަމިންސް އަދި މިނަރަލްސް ގިނަ މިންވަރަކަށް ހިމެނޭ ބުއިންތައް ރާއްޖެ އެތެރެކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.
އެމްއެފްޑީއޭ އިން މި ފިޔަވަޅު އަޅައި ސަމާލުވުމަށް އެދިފައިވަނީ، އެލެކްޓްރޮލައިޓްސް، ވިޓަމިންސް އަދި މިނަރަލްސް ގިނަ މިންވަރަކަށް ހިމެނޭ ބުއިންތައް ރާއްޖެ އެތެރެކޮށް، ފުޅާ ދާއިރާއެއްގައި ފިހާރަތަކުގައި ވިއްކަމުންދާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާތީއެވެ.
އެ އޮތޯރިޓީން ބުނީ، މިފަދަ ބުއިންތައް އާންމު ފިހާރަތަކުގައި ލިބެން ހުރުމާއި، އެއީ އެނާރޖީ ބުއިމެއް ނުވަތަ ހައިޑްރޭޝަން ބުއިމެއް ކަމަށް ލޭބަލްކޮށްފައި ވީނަމަވެސް، އޭގައި އެކުލެވޭ ބާވަތްތަކާއި އޭގެ މިންވަރަށް ބެލުމެއް ނެތި ގިނަ ބަޔަކު އެ ބުއިންތައް ބޭނުންކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި، ޒުވާނުން އަދި އުމުރުން ދުވަސްވީ މީހުން ވެސް ހިމެނޭކަން ވަނީ ފާހަގަކުރެވިފައެވެ.
މީގެއިތުރުން، މިފަދަ ބުއިންތަކުގައި ހިމެނޭ ވިޓަމިންތަކާއި އިލެކްޓްރޮލައިޓްސް ހިމެނޭ މިންވަރަށާއި، އެނާރޖީ، ހައިޑްރޭޝަން، ސްޓެމިނާ، މަސްލް ރިކަވަރީ ނުވަތަ ސިއްހީ އެކި ފައިދާތަކަށް ބޭނުންކުރާ ކަމަށް ބުނެ ކުރާ ކްލެއިމްތަކަށް ރިއާޔަތްކޮށް، މި ބުއިންތައް ދެން ގިންތިކުރެވޭނީ "ނިއުޓްރާސޫޓިކަލްސް" ގެ ގޮތުގައި ކަމަށް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ.
އެހެންކަމުން މީގެފަހުން މިފަދަ ބުއިންތައް އެތެރެކޮށް ވިއްކޭނީ އެ އޮތޯރިޓީން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ. އަދި އެކަން ކުރެވޭނީ "ގައިޑްލައިން ފޯރ ރަޖިސްޓްރޭޝަން އޮފް ނިއުޓްރާސޫޓިކަލްސް" ގެ ދަށުން ރަޖިސްޓްރީކޮށް، އެ އޮތޯރިޓީގެ ހުއްދަ ލިބިގެން ކަމަށްވެސް ވަނީ އަންގައިފައެވެ.
ސިއްހީ ހިދުމަތްތެރިންގެ ލަފަޔާ ނުލައި މިފަދަ ބުއިންތައް ބޭނުން ކުރުމަކީ އޭގެ ސަބަބުން ސިއްހީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ. އެހެންކަމުން މި ބާވަތުގެ ބުއިންތައް އާންމު ބުއިމެއްގެ ގޮތުގައި އެތެރެކޮށް، ވިއްކުމާއި އަދި ބޭނުން ނުކުރުމަށް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!