އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓް، އެއްވެސް ބަދަލެއް ނުގެނެސް ހުށަހެޅި ގޮތަށް މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ވަޒީރު ހަސަން ޒަރީރު މަޖިލީހަށް ހުށަހެޅުއްވި މި ބަޖެޓް ކޮމިޓީން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 10 މެންބަރުންގެ ވޯޓުންނެވެ.
މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ފޮނުވި ގޮތަށް ބަޖެޓު ފާސްކުރުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. މި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރެވެ. މެންބަރުންގެ ހުށަހެޅުމާ އެއްގޮތަށް، ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ބަޖެޓު ފާސްވިކަން އިއުލާނު ކުރެއްވީ ކޮމިޓީގެ މުގައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ.
ބަޖެޓް ފާސްކުރުމަށް ހުށަހަޅުއްވަމުން މެންބަރު އަބްދުﷲ ޝަރީފް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ކަނޑައަޅާފައިވާ 43.2 ބިލިއަން ރުފިޔާއަކީ ހާސިލް ކުރެވޭނެ މިންވަރެއް ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީން ބަޖެޓު ފޮނުވި ގޮތަށް ފާސްކުރަން ހުށަހަޅުއްވަނީ، އެއްވެސް މުއައްސަސާއެއްގެ ގާނޫނީ ޒިންމާ އަދާކުރުމަށް ދަތިވެއްޖެ ހާލަތެއްގައި ކޮންމެހެން ބޭނުންވާ ހަރަދުތައް ކޮންޓިންޖެންސީ ބަޖެޓު މެދުވެރިކޮށް ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ދެއްވާފައިވާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޮފީސްތަކާއި މިނިވަން މުއައްސަސާތަކުގެ ބަޖެޓާ ގުޅޭގޮތުން ޝަރީފް ފާހަގަކުރެއްވީ، ސަރުކާރު އޮފީސްތަކާއި މިނިސްޓްރީތަކުގެ ބަޖެޓަކީ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމަށް ހުށަހަޅާފައިވާ ބަޖެޓެއް ކަމަށެވެ. މީގެއިތުރުން މިނިވަން މުއައްސަސާތަކުގެ ބަޖެޓު ކަނޑައަޅާފައި ވަނީ އެ މުއައްސަސާތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށާއި، ވަކިވަކި އޮފީސްތަކުގެ ޑޮމެސްޓިކް ހަރަދުތަކަށް ބަދަލެއް ގެނެސްފައި ނުވާތީ، ރިކަރަންޓް އަދި ކެޕިޓަލް ހަރަދުގެ ޕްރޮގްރާމް ބަޖެޓު ވެސް ފިނޭންސް މިނިސްޓަރު ހުށަހެޅުއްވި ގޮތަށް ފާސްކުރަން އޭނާ ހުށަހެޅުއްވިއެވެ. ހަމައެއާއެކު އަންނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްތަކަށް (ޕީއެސްއައިޕީ) ކަނޑައަޅާފައިވާ 8.2 ބިލިއަން ރުފިޔާ ވެސް އޮތްގޮތަށް ފާސްކުރަން ހުށަހެޅުއްވިއެވެ.
މެންބަރު ޝަރީފްގެ އެންމެ ފަހުގެ ހުށަހެޅުއްވުމެއްގެ ގޮތުގައި ހުށަހެޅުއްވީ، 2027 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ޖުމްލަ 59,704,440,795 (ފަންސާސް ނުވަ ބިލިއަން، ހަތްސަތޭކަ ހަތަރު މިލިއަން، ހަތަރުލައްކަ ސާޅީސްހާސް ހަތް ސަތޭކަ ނުވަދިހަ ފަސް) ރުފިޔާގެ މުޅި ބަޖެޓް ބައިކުރެވިފައިވާ ގޮތަށް ފާސްކުރުމަށެވެ. މި އަދަދަކީ ހިނގަމުންދާ އަހަރުގެ ބަޖެޓަށް ވުރެ 4.5 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ. އެ ހުށަހެޅުމާ އެއްގޮތަށް 10 މެންބަރުންގެ އިއްތިފާގުން ބަޖެޓު ފާސްވި ކަމަށް ވިދާޅުވެ، އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވި މެންބަރުންގެ ނަން ވިދާޅުނުވެ މުގައްރިރު ވަނީ ކޮމިޓީގެ ބައްދަލުވުން ނިންމަވާލައްވާފައެވެ.
ފާސްކުރި ބަޖެޓުގެ މުހިންމު އަދަދުތަކަށް ބަލާއިރު، ދައުލަތުގެ ޖުމްލަ ހަރަދުގެ ގޮތުގައި 52.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 9.8 ބިލިއަން ރުފިޔާ ހިމެނެއެވެ. މީގެއިތުރުން ބަޖެޓުގެ ޑެފިސިޓް 9.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، ދައުލަތުގެ ދަރަނި 161.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި އަންނަ އަހަރު ރާއްޖޭގެ ޖީޑީޕީ ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 129.5 ބިލިއަން ރުފިޔާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!