ޔުއެފާ ނޭޝަންސް ލީގުގައި ސާބިއާގެ މައްޗަށް 3-1 އިން ކުރިހޯދައި، މުބާރާތުގެ ކުއާޓާ ފައިނަލަށް ދިއުމުގެ އުއްމީދު ޖަރުމަނުން ދަމަހައްޓައިފިއެވެ.
އަމިއްލަ ދަނޑުގައި ދެއްކި ދަށް ކުޅުމާއެކު ބަލިވި ސާބިއާ ވަނީ މި ނަތީޖާއާއެކު ގްރޫޕުން ރެލިގޭޓްވެފައެވެ.
ބެލްގްރޭޑްގައި ކުޅުނު މި މެޗު ސަޕޯޓަރުންނަށް ނުވަދެވޭ ގޮތަށް ބޭއްވީ، މީގެ ކުރީގެ މެޗެއްގައި ސާބިއާގެ ސަޕޯޓަރުން ނަސްލީ ގޮތުން ތަފާތުކުރުމުގެ އަމަލުތަކެއް ހިންގުމުން ދިން އަދަބެއްގެ ގޮތުންނެވެ. އެހެންކަމުން މި މެޗު ބެލުމުގެ ފުރުސަތު ދިނީ ހަމައެކަނި 5،000 ސްކޫލް ކުދިންނަށެވެ. ފަނޑު މާހައުލެއްގައި ފެށުނު މި މެޗުގައި، ޔާގަން ކްލޮޕްގެ އިރުޝާދުގެ ދަށުން ނުކުތް ޖަރުމަނު ޓީމުން ލީޑު ނަގަން މާގިނަ ވަގުތެއް ނުނެގިއެވެ.
މެޗުގެ ތިންވަނަ މިނެޓުގައި ޖަރުމަނުގެ ކައި ހަވާޓްޒް ބޮލުން ޖެހި ބޯޅައެއް ބޭރަށް ދަނިކޮށް، ސާބިއާގެ ޑިފެންޑަރު ސާދާން ބަބިޗްގެ ފައިގައި ޖެހިފައި ވަނީ ބައިކޮޅަށެވެ. އޭގެ 11 މިނެޓު ފަހުން، ސާބިއާގެ ޑިފެންސް ލައިން ފޫއަޅުވާލުމަށްފަހު ލިބުނު ފުރުސަތުގައި ދެވަނަ ފަހަރަށް ފޮނުވާލި ހަމަލާއަކުން ޖަރުމަނުގެ ދެވަނަ ލަނޑު ޖަހައިދިނީ ފްލޯރިއަން ވާޓްޒްއެވެ.
ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ޖަރުމަނުން ތިންވަނަ ލަނޑު ކާމިޔާބުކުރިއެވެ. ބްރައިޓަން އެންޑް ހޯވް އެލްބިއަންއިން އާރްބީ ލައިޕްޒިގަށް ލޯނު އުސޫލުން ކުޅެމުން އަންނަ ވިންގަރު ބްރަޔަން ގްރޫޑާ މި ލަނޑު ޖެހީ އަމިއްލަ ހާފުން ފަށައިގެން ސާބިއާގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު، ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. އޭގެ ހަ މިނެޓު ފަހުން، ސެޓްޕީސްއަކުން ލިބުނު ފުރުސަތެއްގައި ސާބިއާގެ ހަމައެކަނި ލަނޑު ޖަހައިދިނީ ފުރަތަމަ ހާފުގައި ބައިކޮޅަށް ލަނޑު ޖެހުނު ބަބިޗެވެ.
މެޗުގެ ފަހުބައިގައި ސާބިއާގެ ކުޅުންތެރިންގެ އަޚުލާގީ މައްސަލަތައް ފެނި، އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކިއެވެ. އެގޮތުން 76 ވަނަ މިނެޓުގައި ޖަރުމަނުގެ ޖޯޝުއާ ކިމިކްގެ ފައިގެ ކުޑަހުޅަށް އެރި ނުރައްކާތެރި ޓެކުލަކާ ގުޅިގެން، ރެފްރީ ވީޑިއޯ ބެލުމަށްފަހު ވަންޔާ ޑްރަގޯޔެވިޗަށް ސީދާ ރަތް ކާޑެއް ދެއްކިއެވެ. އަދި މެޗު ނިމެން ކައިރިވެފައި ވަނިކޮށް، ރެފްރީގެ ނިންމުމަށް ނުރުހުން ފާޅުކޮށް ބޭއަދަބީ ބަސްތައް ބޭނުންކުރުމުގެ ސަބަބުން އެންޑްރީޔާ ޒިވްކޮވިޗަށް ވެސް ވަނީ ސީދާ ރަތް ކާޑު ދައްކައިފައެވެ.
މި ނަތީޖާއާއެކު ގްރޫޕް ބީ ގައި މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް ޕޮއިންޓެއް ނުލިބި ސާބިއާ ރެލިގޭޓްވިއިރު، ޖަރުމަނު އޮތީ ކުޅުނު މެޗުތަކުން 8 ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕުގެ އެއްވަނައިގައި 11 ޕޮއިންޓާ އެކު އޮތީ ގްރީސް އަތުން 7-0 އިން މޮޅުވި ނެދަލެންޑްސްއެވެ. ދެވަނައިގައި އޮތް ގްރީސްއަށް ވެސް 8 ޕޮއިންޓް ލިބިފައިވާއިރު، ޖަރުމަނު ދެން ކުޅޭ މެޗުގައި ހޯމަ ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ ނެދަލެންޑްސްއާ ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!