މާލެ އަތޮޅު ބަނޑޮހުގެ އުތުރުން ތުޅާގިރި ކައިރިން، ވެލި ނަގަމުންދާތީ، އެ ސަރަހައްދުގެ އެންވެރިކަން ހަލާކުވެ، މަސްވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ބުނެ، މަސްވެރިން، ކަންބޮޑުވުން ފާޅުކޮށް އެ މަސައްކަތް ވަގުތުން ހުއްޓާލުމަށް ގޮވާލައިފިއެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން، މަސްވެރިޔަކު ބުނީ، މީގެ ކުރިން، މާލެ އަތޮޅުގެ އުތުރުން އިހުރާއި ވައްބިންފަރު ކައިރިއަކީ މަސްވެރިން އެންމެ ރަނގަޅަށް އެންވެރިކަން ކުރަމުން އައި ސަރަޙައްދުކަމަށެވެ. ނަމަވެސް ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަޝްރޫޢަށް ވެލިނެގުމުގެ ސަބަބުން އެ ސަރަޙައްދުގައި އާލާ ވެފައި އޮތް އެންވެރިކަން މުޅިން ނެތި ދިޔައީކަމަށް އޭނާ ބުންޏެވެ.

Ad
rt

މަސްވެރިން ފާހަގަ ކުރާ ގޮތުގައި މިހާރު މާލެ ސަރަޙައްދުގައި އެންމެ ރަނގަޅަށް އެންވެރިކަން ކުރެވެމުން އަންނަނީ އެ ސަރަޙައްދުންނެވެ.

"ކޮންމެ ސަބަބަކަށްޓަކައި ވެލި ނެގިޔަސް، އެންވެރިކަމާއި މަސްވެރިކަން ހަލާކުވެދާފަދަ ސަރަހައްދުތަކުން ވެލި ނެގުން ކުށްވެރިކުރަން." އޭނާ އިތުރަށް ބުންޏެވެ.

އެ ދުވަސްވަރު އެ ސަރަޙައްދުން ވެލި ނަގަމުންދާތީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)ގެ ފަރާތުން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކޮށް ކަންބޮޑުވުން ޙިއްސާކޮށްފައިވެއެވެ. އެ ބައްދަލުވުމާ ގުޅިގެން، އެ ސަރަޙައްދުން ވެލިނެގުން ވަގުތުން ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވީ ނަމަވެސް، އޭރު ވަނީ އެ ސަރަޙައްދުން ވެލިނަގައި ނިމި، އެންވެރިކަން މުޅިން ހަލާކުވެފައި ކަމަށް މަސްވެރިން ބުނެއެވެ. އެ ސަރަޙައްދުގެ އެންވެރިކަން ހަލާކުވި ފަހުން، މާލެ އަތޮޅުގައި އަލުން އެން އާލާވެ، މަސްވެރިކަން ރަނގަޅުވި މައިގަނޑު ސަރަޙައްދަކީ ބަނޑޮހުގެ އުތުރުން ތުޅާގިރި ކައިރި ކަމަށް މަސްވެރިން ފާހަގަ ކުރެއެވެ.

މި މަސައްކަތުގެ ސަބަބުން މަސްވެރިންގެ އާމްދަނީއަށާއި ދިރިއުޅުމަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިގެން ހިނގައިދާނެތީ، އެ ސަރަޙައްދުން ވެލިނެގުން ވަގުތުން ހުއްޓުވައި ދިނުމަށް މަސްވެރިން ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.