ށ. ނޫމަރާ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ ފުޓްސަލް ޓޯނަމެންޓްގެ ފައިނަލްގައި ކޭލި ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ކަތިރިއަންސް އިން ހޯދައިފިއެވެ.
ކަތިރިއަންސް މި މުބާރާތުގެ ޗެމްޕިއަން ޝީލްޑް އުފުލައިލީ ފައިނަލް މެޗުގައި 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކޭލި ޓީމުގެ މައްޗަށް ކުރިހޯދައިގެންނެވެ.
މުބާރާތް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި، ޗެމްޕިއަން ޓީމު ކަތިރިއަންސްއަށް ނޫމަރާ ކައުންސިލުން ހުށަހެޅި 10،000 ރުފިޔާގެ ފައިސާގެ އިނާމާއި ޝީލްޑް އަދި މެޑަލް ވަނީ ހަވާލުކޮށްފައެވެ. އަދި ރަނަރއަޕް ޓީމަށް އެ ކައުންސިލުން ކަނޑައެޅި 5،000 ރުފިޔާގެ ފައިސާގެ އިނާމާއި މެޑަލް ޙާޞިލުކުރީ ކޭލި އެވެ.
މި މުބާރާތުގެ ޚާއްޞަ މަޤާމުތަކަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކީ ކަތިރިއަންސްގެ އިބްރާހީމް އައިމަންއެވެ. އޭނާ ވަނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމާއި، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ. މުބާރާތުގައި އައިމަން ވަނީ ޖުމްލަ 8 ލަނޑު ކާމިޔާބުކޮށްފައެވެ.
މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ކޭލީގެ ކީޕަރު މުހައްމަދު ހުޝާމް ހޯދިއިރު، އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކަތިރިއަންސް ޖޫނިއާސްގެ މުހައްމަދު ޒާލިފެވެ. އަދި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ކަތިރިއަންސް ޖޫނިއާސް ހޮވުނުއިރު، އެންމެ މޮޅު ކޯޗުގެ މަގާމު ހާސިލުކުރީ ކަތިރިއަންސްގެ ކޯޗު މުއާޒް ޞާލިޙެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ކަތިރިއަންސްގެ އިބްރާހީމް ފަހުމީ އާއި އެ ޓީމުގެ އިބްރާހީމް ފުއާދުގެ އިތުރުން ކޭލީގެ ކީޕަރު މުހައްމަދު ހުޝާމް، މުހައްމަދު އަހުސަމް އަދި އަހުމަދު ހައްމާޒެވެ.
ނޫމަރާ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ ތެރެއިން ކުރިއަށްދިޔަ ހޭންޑްބޯލް މުބާރާތް ވެސް މިހާރު ނިމިފައިވާއިރު، އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ "ކަމްބެކާސް" އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!