ތުރުކީވިލާތުގައި މިހާރު ކުރިއަށްދާ އަންތާލިޔާ ލީޑަރސް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ ތުރުކީވިލާތުގެ އަންތާލިޔާގައެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތުރުކީވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ، މި މަހުގެ 10 އިން 14 އަށް އެ ޤައުމުގައި ބާއްވާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ސަމިޓް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާންގެ އިތުރުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ މި ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، އެ ބޭފުޅުންނާއެކު ނެންގެވި ރަސްމީ ފޮޓޯފުޅުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ސަމިޓް ކުރިއަށް ގެންދަނީ "ޓުވަރޑްސް އަ ސަސްޓެއިނަބަލް، ރެޒިލިއެންޓް އެންޑް އިކުއިޓަބަލް ފިއުޗަރ" މި ޝިޢާރުގެ ދަށުންނެވެ. މި ބައްދަލުވުމަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން އިތުރުކުރުމަށާއި، މި ދާއިރާއިން ގުޅިގެން ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ދުނިޔޭގެ ލީޑަރުން އެއްތަނަކަށް އެއްވެވަޑައިގަންނަވާ މުހިންމު ސަމިޓެކެވެ.

މި ފަހަރުގެ ސަމިޓުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވަނީ ސާފު ހަކަތައަށް ބަދަލުވުމުގެ މަސައްކަތްތަކަށާއި، ދުނިޔޭގެ ފެންވަރުގައި ކަރަންޓުގެ ޚިދުމަތް ފުޅާކުރުމަށެވެ. މީގެއިތުރުން މޫސުމީ ބަދަލުތަކާ ގުޅޭ މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އަރބަން އެޑެޕްޓޭޝަންގެ ކަންކަމަށް ވެސް މި ސަމިޓުގެ ތެރެއިން ޚާއްޞަ އިސްކަމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.