ދިވެހިރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު، ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޖުމްހޫރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއް މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހުގެ ހެޔޮއެދުންތައް ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. އަދި ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ހިއްސާ ކުރެއްވި މެސެޖުގައި، ދިވެހި ލޮބުވެތި ރައްޔިތުންނަށް ފާގަތިކަމާއި ބާއްޖަވެރިކަމަށް އެދިވަޑައިގެންފައިވެއެވެ. މީގެއިތުރުން، ޖުމްހޫރީ ވެރިކަމުގެ ހިޔަލުގައި ޤައުމަށް އިތުރު ކުރިއެރުމާއި ތަމައްދުނު މިންވަރު ކުރެއްވުން އެދި އެކަމަނާ ވަނީ ދުޢާ ދަންނަވާފައެވެ.
ކޮންމެ އަހަރެއްގެވެސް ނޮވެންބަރު މަހުގެ 11 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ގޮތުގައެވެ. ދިވެހި ތާރީޚުގައި އެންމެ ފުރަތަމަ ޖުމްހޫރީ ވެރިކަމެއް ޤާއިމުކުރެވުނީ 1953 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުއެވެ.
ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގައި މިހާތަނަށް 7 ބޭފުޅަކު ވަނީ ވެރިކަން ކުރައްވާފައެވެ. އެއީ ރައީސް އިބްރާހީމް ނާޞިރާއި، ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމާއި، ރައީސް މުޙައްމަދު ނަޝީދާއި، ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަނާއި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިތުރުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!