ހދ. ވައިކަރަދޫގައި ކުރިއަށް ގެންދާ ފްލައިބޯޑިން ބިގިނަރ ލެސަންސް "އުދުހިލާ" ޕްރޮގްރާމް މިއަދު ހެނދުނު 9:00 ގައި ރަސްމީކޮށް ފަށައިފިއެވެ.
ވައިރޮދި ޖަމިއްޔާއާއި ހެޔޮއެދޭ ގިނަބައެއްގެ އެހީތެރިކަމާއިއެކު ކުރިއަށްގެންދާ މި އިވެންޓް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މި މަހުގެ 13 ގެ ނިޔަލަށެވެ.
އިވެންޓް ފެށުމުގެ ގޮތުން ޚާއްޞަ ފައިބޯޑް ޝޯއެއް ހުށަހަޅައިދީފައިވެއެވެ. މި އިވެންޓަށް، ވައިކަރަދޫ ބަނދަރު ސަރަޙައްދުވަނީ ވަރަށް ފުރިހަމައަށް ޒީނަތްތެރިކޮށް، ތައްޔާރުކޮށްފައެވެ. އެ ގޮތުން ސްޕޮންސަރުންގެ ބެކްޑްރޮޕް ބޯޑުތަކާއި، އިވެންޓުގެ ދިދަތައް އެއްވަރަކަށް ޖަހައި ސަފުހަދާފައިވެއެވެ. މީގެއިތުރުން، ރެޑްބުލް ފަދަ ބްރޭންޑްތަކުގެ ހާއްސަ ޓެންޓްތައް ޖަހާފައިވާއިރު، ފްލައިބޯޑުގެ އިވެންޓް ކުރިއަށްދާ މަންޒަރު ބަލަން ރަށުގެ ރައްޔިތުން ވަނީ އެ ސަރަޙައްދަށް ޖަމާވެފައެވެ.
ވައިރޮދި ޖަމްޢިއްޔާގެ އެޑްވައިޒަރ އަދި އިވެންޓް މެނޭޖަރ ޙުސައިން ޙަލީމް (ރޮބޭ) "ތިލަދުން" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދުގެ މެންދުރު ކުރީގެ ސެޝަން ވަރަށް ކާމިޔާބުކަމާއެކު 10 ކުދިން ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި 8 އަހަރުން ދަށުގެ ކުދިން، އިންސްޓްރަކްޓަރަކާއެކު ދޭތެރެދޭތެރެއިން އަރުވަމުންދާ ކަމަށާއި އޭގެ ތެރޭގައި 3 އަހަރާއި 5 އަހަރުގެ ކުދިން ވެސް ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރަށު ކައުންސިލާއި ރައްޔިތުން އަދި ކުދިންގެ ބެލެނިވެރިންގެ ފަރާތުން ލިބެމުންދާ ތަރުޙީބާއި އެއްބާރުލުމަކީ މި އިވެންޓް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!