ސޫދާނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ދިން ޑްރޯން ހަމަލާއެއްގައި ދެފައި ބުރިވި އުމުރުން 13 އަހަރުގެ ޒާހިރަށް، ރެއާލް މެޑްރިޑްގެ ތަރި ވިނީޝިއުސް ޖޫނިއާ އަސަރުގަދަ ވީޑިއޯ މެސެޖަކާއެކު ހާއްސަ ސަޕްރައިޒެއް ދީފިއެވެ.
މިސްރުގެ ވެރިރަށް ގާހިރާގައި ފަރުވާ ހޯދަމުން އަންނަ ޒާހިރަށް ވިނީޝިއުސް ފޮނުވި މެސެޖުގައި ވަނީ އޭނާއަށް ހިތްވަރުދީ، ރެއާލް މެޑްރިޑްގެ މެޗެއް ބަލައިލުމަށް ޒިޔާރަތްކުރުމުގެ ދައުވަތުވެސް ދީފައެވެ.
ގާހިރާގެ އެޕާޓްމަންޓެއްގައި ހުރި ޓީވީ ސްކްރީނުން ވިނީޝިއުސް ފެނިގެންދިޔައީ އަރަބި ބަހުން "ޒާހިރު، މަރުހަބާ" އޭ ބުނެ ޒާހިރާ ސީދާ މުޚާތަބު ކުރަމުންނެވެ. ފުޓްބޯޅައިގައި ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް އަޑުއުފުލައި، ކަޅު ނަސްލުގެ މީހުންނަށް އެހީތެރިވުމުގައި އިސްކޮށް އުޅޭ ވިނީޝިއުސް ބުނީ، ޒާހިރުގެ ވާހަކަ އޭނާއަށް އެނގިފައިވާ ކަމަށާއި ވޭތުވެދިޔަ މަސްތަކަކީ ޒާހިރަށް ކިހާ އުނދަގޫ ދުވަސްތަކެއްކަން އެނގޭ ކަމަށެވެ. އަދި އޭނާއަކީ ބުރަކޮށް މަސައްކަތްކުރާ ކަޅު ނަސްލުގެ މީހެއް ކަމަށާއި، އަލަށް ލިބުނު އާޓިފިޝަލް ދެފައިގެ ބޭނުން ހެޔޮގޮތުގައި ހިފައި، އަލުން ފުޓްބޯޅަ ކުޅެން ފަށައި އުފާވެރިކަން ހޯދާނެ ކަމަށް އުންމީދުކުރާ ކަމަށް ވިނީޝިއުސް ބުންޏެވެ. މީގެއިތުރުން، މެޑްރިޑްގެ މެޗެއް ބަލައިލުމަށް އައުމަށާއި ދެމީހުން އެކުގައި ދުވަހެއް ހޭދަކޮށްލުމަށްވެސް ވިނީޝިއުސް ވަނީ ދައުވަތު ދީފައެވެ.
މި މެސެޖާއެކު ލިބުނު ހައިރާންކަމާއި އުފަލުގައި ޒާހިރު ވަގުތުން ކޮޓަރިން ނުކުމެގެން ގޮސް، ކުޑައިރުކޮޅެއް ފަހުން އެނބުރި އައީ ވިނީޝިއުސްގެ ޖާޒީއެއް ލައިގެންނެވެ. ޒާހިރު ބުނީ "ވިނީޝިއުސް ގާތު އަހަރެން އޭނާދެކެ ލޯބިވާ ވާހަކަ ބުނެދޭށެވެ. އޭނާގެ މެސެޖުން އަހަންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބިއްޖެ،" ކަމަށެވެ. އޭނާ އުންމީދު ކުރަނީ ކޮންމެވެސް ދުވަހަކުން ވިސާ ލިބި، އެ ދައުވަތު ގަބޫލުކުރެވޭނެ ކަމަށެވެ. ޒާހިރުގެ މަންމަ ހަބީބާ ބުނީ، މުޅި ދުނިޔެ ވެސް ޒާހިރަށް ކާމިޔާބީ ލިބުމަށް އެދި ހިތްވަރުދޭ ފަދަ އިހުސާސެއް ކުރެވޭ ކަމަށެވެ.
ޒާހިރުގެ ދެފައި ގެއްލުނީ 2024 ވަނަ އަހަރު ސޫދާނުގެ އަސްކަރިއްޔާއާއި ޕެރާމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އާ ދެމެދު ހިނގި ވަރުގަދަ ކުރިމަތިލުންތަކުގެ ތެރޭގައި ޚަރްތޫމްގައި ތާށިވެފައި ވަނިކޮށެވެ. ކާބޯތަކެތި ހުސްވެ، ރައްކާތެރި ހިސާބަކަށް ފިލައިގެން ދާނެ ފައިސާ ނެތުމުން، ދިރިއުޅުމަށްޓަކައި މަގުމަތީގައި މުގު ވިއްކަން މަންމައާއެކު އުޅެނިކޮށް ދިން ޑްރޯން ހަމަލާއެއްގައެވެ. ހަނގުރާމައިގެ ކުރިން ފުޓްބޯޅައަށް ލޯބިކުރި ޒާހިރު، ހަމަލާއަށްފަހު އުޅެންޖެހުނީ ފުރޮޅުލީ ގޮނޑީގައާއި، ނުރައްކާތެރި އިންފެކްޝަނެއް އަޅައިފާނެ ފަދަ ހާލަތެއްގައި ކަކޫމަތީގައި ފިރުކެމުންނެވެ.
ނަމަވެސް، ޒާހިރުގެ ހާލަތު މީޑިއާއިން ފެނުމާއެކު، އިނގިރޭސިވިލާތުގައި ދިރިއުޅޭ ސޫދާން ނަސްލުގެ ވަކީލެއް ކަމަށްވާ ދީނާ ލަތީފް އިސްނަގައިގެން އޮންލައިން ކެމްޕޭނެއް ހިންގައި، އޭނާގެ ފަރުވާއަށް 45،000 ޕައުންޑް (60،000 އެމެރިކާ ޑޮލަރު) ހޯދައިދިނެވެ. ޕާސްޕޯޓާއި އުފަންދުވަހުގެ ސެޓްފިކެޓު ހަނގުރާމައިގެ ތެރޭގައި ހަލާކުވެފައިވުމުން ދަތުރުކުރުމަށް ގިނަ ދަތިތަކަކާ ކުރިމަތިވި ނަމަވެސް، މަސްތަކެއްގެ މަސައްކަތުން ޒާހިރާއި އޭނާގެ މަންމައަށް ވަނީ ގާހިރާއަށް ދެވޭގޮތް ވެފައެވެ.
ގާހިރާގައި ހޭދަކުރި ދުވަސްތަކުގައި ސާޖަރީތަކާއި، ފިޒިއޮތެރަޕީ އަދި ނަފްސާނީ އެހީތެރިކަން ލިބި، އޭނާއަށް ވަނީ އާޓިފިޝަލް ދެފައި ލައްވައި، އަލުން ހިނގަން ފަށައި ބޯޅައިގައި ޖަހަން ފަށައިފައެވެ. ޒާހިރަށް ފަރުވާދިން އެއް ޑޮކްޓަރު ކަމަށްވާ ޑރ. ބިންތުލްމުނާ އަލްތައްޔިބު ވިދާޅުވީ، ކުރިން ޒާހިރު ހުރީ ވަރަށް ބޮޑަށް ލަދުގަނެ، މާޔޫސްވެފައި ކަމަށާއި އޭނާގެ މޫނުމަތިން ހިނިތުންވުމެއް ފެނުމަކީ ވާނެ ކަމެއް ނޫން ކަމަށް ބެލެވުނު ނަމަވެސް، މިހާރު އޭނާ ހީނ، އަމިއްލަ ނަފްސަށް ބޮޑު އިތުބާރެއް އޮންނަކަން ފެންނަ ކަމަށެވެ.
އަހަރެއްހާ ދުވަސް ފަހުން ޒާހިރު ފެންނަނީ ހިނިތުންވެ، ސަމާސާކުރާ ކުއްޖެއްގެ ގޮތުގައެވެ. އޭނާގެ ހުވަފެނަކީ އެއާލައިން ޕައިލެޓަކަށް ވުމާއި، އަސްދުއްވުމާއި ބައިސްކަލް ދުއްވުން ފަދަ ކަންކަން ތަޖުރިބާކުރުމެވެ.
ޚަރްތޫމް އަލުން އަސްކަރިއްޔާގެ ބާރުގެ ދަށަށް ގޮސް ކުއްލި ނުރައްކަލުގެ ހާލަތު އުވާލި ނަމަވެސް، އެ ސިޓީގެ ގިނަ އިމާރާތްތައް ވަނީ ބިމާ ހަމަވެފައެވެ. އދ. ގެ ކުޑަކުދިންގެ ފަންޑު (ޔުނިސެފް) އިން ބުނީ 2023 ގައި ފެށުނު ހަނގުރާމައިގެ ސަބަބުން ސޫދާނުގައި 17 މިލިއަނަށް ވުރެ ގިނަ ކުޑަކުދިން އިންސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ ކަމަށެވެ. އަދި މަދުވެގެން 4،300 ކުދިން މަރުވެ ނުވަތަ ނުކުޅެދޭ ހާލަތަށް ގޮސްފައިވާކަން ކަށަވަރުކުރެވިފައިވާ ކަމަށާއި، ނަމަވެސް ހަގީގީ އަދަދު މިއަށްވުރެ މާ މަތިވާނެ ކަމަށް ޔުނިސެފުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!