ހއ. ވަނގާރުގައި ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް ހއ. ތުރާކުނު ކައުންސިލުން ފުރުޞަތު ހުޅުވާލައިފިއެވެ.

އެ ރަށުގައި ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނަން ނޯޓު ކުރުމަށް އެ ކައުންސިލުން މިހާރު ވަނީ އިޢުލާނުކޮށްފައެވެ.

Ad
rt

ތުރާކުނު ކައުންސިލްގެ އިދާރާއިން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ވަނގާރުގައި ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވާ، ތުރާކުނުގައި ދިރިއުޅޭ ފަރާތްތަކުގެ މަޢުލޫމާތު ހޯދަން ބޭނުންވާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތަށް ޝައުޤުވެރިކަން ހުރި ރައްޔިތުން އެކަން އެންގުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ވަނގާރަކީ ތުރާކުނު ކައުންސިލްގެ އިޙްތިޞާޞްގެ ދަށުގައި އޮންނަ، މީހުން ދިރިނޫޅޭ ފަޅުރަށެކެވެ. މި ރަށް އޮންނަނީ ތުރާކުނާ އެއް ފަޅެއްގެ ތެރޭގައި، އެ ރަށާ ގާތްގަނޑަކަށް 300 މީޓަރު ދުރުގައެވެ.

ތުރާކުނު ކައުންސިލުން ބުނި ގޮތުގައި، ވަނގާރުގައި ދަނޑުވެރިކަން ކުރުމަށް އެދޭ ފަރާތްތަކުން ނަން ނޯޓު ކުރުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 22 ވާ އާދީއްތަ ދުވަހެވެ. އަދި އެ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން ނަން ނޯޓުކޮށް ނިންމަން ޖެހޭނެ ކަމަށް ވެސް ކައުންސިލުން ހާމަކުރެއެވެ.

މި ފުރުޞަތުގައި ނަން ނޯޓު ކުރަން ބޭނުންވާ ފަރާތްތަކަށް ކައުންސިލްގެ އިދާރާއަށް ހާޒިރުވެގެން ނަން ނޯޓު ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން ރަސްމީ ގަޑީގައި ކައުންސިލްގެ ނަންބަރު 6500035 އަށް ގުޅައިގެން ވެސް ނަން ނޯޓު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ.

ވަނގާރުގައި ދަނޑުވެރިކަން ކުރުމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން ވެސް ކައުންސިލްގެ ފޯނު ނަންބަރަށް ގުޅައިގެން މަޢުލޫމާތު ސާފުކުރުމަށް ތުރާކުނު ކައުންސިލުން ވަނީ އެދިފައެވެ.