ސްޕެނިޝް ލީގުގައި ރޭ ލެގަނޭސް އަތުން 5-0 އިން ރެއާލް މެޑްރިޑް މޮޅުވެ ލީގުގެ 1 ވަނައިގައި އޮތް ބާސެލޯނާއާ އެއް ޕޮއިންޓާއި ކައިރިއަށް ޖެހިލައިފިއެވެ.
ކުޅުނު 10 މެޗުން 22 ޕޮއިންޓް ހޯދައިގެން ބާސެލޯނާ އެއްވަނައިގައި އޮތްއިރު ރޭގެ މެޗާއިއެކު ރެއާލް މެޑްރިޑުންވެސް ވަނީ 10 މެޗު ކުޅެ 21 ޕޮއިންޓު ހޯދާފައެވެ.
ރެއާލް މެޑްރިޑްގެ ފުރަތަމަ ގޯލު މެޗުގެ 7 ވަނަ މިނެޓުގައި ޖަހައިދިނީ ރޮޑްރީގޯ އެވެ. އެ ގޯލު ޖެހިތާ މިނެޓެއް ފަހުން އެނެއްކާވެސް ރެއާލް އިން ވަނީ އިތުރު ގޯލެއް ޖަހައި މެޗުގެ ނަތީޖާ 0-2 އަށް ބަދަލުކޮށްފައެވެ. މި ގޯލު ރެއާލް އަށް ޖަހައިދިނީ ޓޯނީ ކްރޫސް އެވެ. މި ގޯލު ކާމިޔާބު ކުރުމުގައިވެސް ބެންޒީމާ ވަނީ އެހީތެރިވެދީފައެވެ. މެޗުގެ 22 ވަނަ މިނެޓުގައި ހާޒާޑް އަށް ކުރި ފައުލަކާއި ގުޅިގެން ރެއާލް އަށް ވަނީ ޕެނަލްޓީއެއް ދީފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ރެއާލްއިން ވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ. ރެއާލްގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ.
މެޗުގެ 68 ވަނަ މިނެޓުގައި އަނެއްކާވެސް ޓޯނީ ކްރޫސްގެ ބަދަލުގައި ކުޅެން އެރި ލޫކާ މޮޑްރިކް އަށް ކުރި ފައުލަކާއި ގުޅިގެން ރެއާލް އަށްވަނީ ޕެނަލްޓީއެއް ދީފައެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކަރީމް ބެންޒީމާ އެވެ. ޕެނަލްޓީ އަށްފަހު ބެންޒީމާ ވަނީ ބަދަލުކޮށްފައެވެ. ބެންޒީމާގެ ބަދަލިގައި ދެން ކުޅެން އެރީ ލޫކާ ޔޯވިޗް އެވެ. މެޗުގެ 90 މިނެޓު ހަމަވެގެން އިތުރު ވަގުތު ކުޅެމުން ދަނިކޮށް ރެއާލްގެ 5 ވަނަ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ލުކާ ޔޯވިޗް އެވެ.
މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ބުނީ އެއް މެޗެއްގައި ފަސް ގޯލު ނުޖަހާތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެކަމަށާއި އަނެއްކާ ވެސް އެކަން ކުރެވުމުން ހިތްހަމަޖެހޭ ކަމަށެވެ. އަދި މިފަދަ ބޮޑު ތަފާތަކުން މޮޅުވުމުން ޓީމަށް ދިމާވެފައި ހުރި އެކި މައްސަލަތަކަށް ވެސް ލުޔެއް ލިބިގެންދާނެ ކަމަށެވެ.
ލީގުގައި ރެއާލް އިން ދެން ބައްދަލުކުރާނީ ނޮވެމްބަރު 2 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 01:00 ޖަހާއިރު ރެއާލް ބެޓިސް އާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!