ށ. ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ހިންގައި ޚިދުމަތްދިނުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.
ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ޙަވާލުކުރުމަށް ފުނަދޫގެ ރައްޔިތުންގެ ބައިވެރިވުމާއެކު އެރަށުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާއެވެ.
ފެނަކައިން ބުނީ، ފުނަދޫގެ ރައްޔިތުން 36 އަހަރު ވަންދެން ހިންގަމުން އައި އިންޖީނުގެ މިއަދު ފެނަކަ އާ ޙަވާލުކޮށްފައިވާ ކަމަށެވެ. އަދި މިއީ ރަށްރަށުގައި ފެނަކައިން ދެމުންދާ ޒަމާނީ ދެމެހެއްޓެނިވި ފުރިހަމަ ޚިދުމަތްތަކުން ލިބުނު އިތުބާރުގެ މައްޗަށް ފުނަދޫ ރައްޔިތުން ނިންމެވި ނިންމެވުމެއް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
''މިއާއެކު، ށ އަތޮޅުގެ އެހެން ހުރިހާ ރަށްތަކެއް ފަދައިން ފުނަދޫގެ ކަރަންޓުގެ ޚިދުމަތުގެ އިންޤިލާބީ ބަދަލު ފެނަކައިން ވަނީ ފަށާފައި، މިގޮތުން ފުނަދޫއަށް ބޭނުންވާ ފުރިހަމަ ކަރަންޓު މެދުނުކެނޑި ދިނުމަށް ބޭނުންވާ 600 އަދި 800 ކިލޯވޮޓްގެ މުޅިން އާ 02 ޖެނެރޭޓަރު މިހާރު ވަނީ ރަށަށް ގެންދެވި އިންސްޓޯލް ކުރުމުގެ މަސައްކަތް ފެށިފައި'' ފެނަކައިން ބުންޏެވެ.
ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ފެނަކައާއި ހަވާލުކުރަން ނިންމައިފި
ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހިމްފުޅު ''ތިލަދުން''އަށް ކުރިން ވިދާޅުވެފައި ވަނީ، ވޭތުވި ހަތަރު މަހެއްހާ ދުވަހު އިންޖީނުގެ ހިންގާފައިވަނީ މަހަކު 7 ލައްކައެއްހާ ރުފިޔާގެ ގެއްލުމުގައި ކަމަށެވެ. މިއީ 2011 ވަނަ އަހަރު ފައިދާގައި ހިންގަންފެށިފަހުން މި އިންޖީނުގެއިން ގެއްލުންވާން ފެށި ފުރަތަމަ ފަހަރެވެ.
މި އިންޖީނުގެއަކީ 1983 ވަނަ އަހަރުން ފެށިގެން ފުނަދޫ ރައްޔިތުން ހިންގަމުން އަންނަ އިންޖީނުގެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!