ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ފެނަކައާއި ހަވާލުކުރަން ނިންމައިފި
ށ. ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ހިންގައި ޚިދުމަތްދިނުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރަން ފުނަދޫ ކައުންސިލުން ނިންމައިފިއެވެ.
އެ ކައުންސިލުން މި ނިންމުން ނިންމާފައިވަނީ މިއަދު ކުރިއަށް ދިޔަ ކައުންސިލް ބައްދަލުވުމުގައެވެ.
މި ނިންމުން ނިންމުމުގެ ކުރިން އެ ކައުންސިލް ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ މަޝްވަރާ ހޯދާފައެވެ. އަދި އެ ބައްދަލުވުމުގައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އިންޖީނުގެ ހިންގުމަށް ކައުންސިލަށް ކުރިމަތިވެފައިވާ ދަތިތައް ރައްޔިތުންނާ ހިއްސާކޮށްފައެވެ.
މި އިންޖީނުގެއަކީ 1983 ވަނަ އަހަރުން ފެށިގެން ފުނަދޫ ރައްޔިތުން ހިންގަމުން އަންނަ އިންޖީނުގެއެވެ.
ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހިމްފުޅު ''ތިލަދުން''އަށް ވިދާޅުވީ، ވޭތުވި ހަތަރު މަހެއްހާ ދުވަހު އިންޖީނުގެ ހިންގާފައިވަނީ މަހަކު 7 ލައްކައެއްހާ ރުފިޔާގެ ގެއްލުމުގައެވެ. މިއީ 2011 ވަނަ އަހަރު ފައިދާގައި ހިންގަންފެށިފަހުން މި އިންޖީނުގެއިން ގެއްލުންވާން ފެށި ފުރަތަމަ ފަހަރެވެ.
''އަޅުގަނޑުމެން ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާ ހޯދިން، ޙަޤީޤަތުގައި ގިނަ ރައްޔިތުން ބޭނުންވަނީ ރައްޔިތުންގެ ތަނެއްގެ ގޮތުގައި އެތަން ހިންގަން، އެކަމަކު މިހާބޮޑު ގެއްލުން ވާން ފެށުމުން ރައްޔިތުންގެ ޚިޔާލާއެކު މިގޮތަށް މ ިނިންމީ ރައްޔިތުންގެ މާލިއްޔަތުން ބޮޑު ގެއްލުމެއްވުމުން ސަލާމަތްކުރުމުގެ ބޭނުމުގައި، އެހެންނޫނީ ހަމަ ރައްޔިތުންގެ ފައިސާއިން ކޮންމެ މަހަކު ގެއްލުން ވަމުން މިދަނީ'' އަޙްމަދު ވިދާޅުވިއެވެ.
އަޙްމަދު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި ވޭތުވެދިޔަ ތިންމަހެއްހާ ދުވަހު ތެލުގެ އަގަށް ބޮޑު ބަދަލެއް އައިސްފައިވާކަމަށެވެ. އެ އިންޖީނުގޭ ހިންގަން މަހަކު އެވްރެޖްކޮށް 1،08000 ހާސް ލިޓަރު ޕެޓްރޯލް ބޭނުންވައިރު މިހާރު ޕެޓްރޯލް ލިޓަރެއް ގަންނަންމުން ދަނީ 19.20 ރުފިޔާއަށް ކަމަށް އަހްމަދު ފާހަގަކުރެއްވިއެވެ. އަގަށް މިހާބޮޑު ބަދަލެއް އައުމުން ތަން ހިންގައިގެން ލިބޭ އާމްދަނީން ދެކޮޅު ނުޖެއްސޭކަން އަޙްމަދު ފާހަގަކުރެއްވިއެވެ.
''އެނާޖީ އޮތޯރިޓީގެ އަގުތަކާ އެއްމިންގަނޑަކަށް އަޅުގަނޑުމެންނަށް އަގު މި ކަނޑައެޅެނީ، ސަބްސިޑީ ހޯދަންވެސް މަސައްކަތް ކުރެވުނު، ފިނޭންސް މިނިސްޓްރީއަށާއި، ރައީސް އޮފީހަށާއި އަދި ރައްޔިތުންގެ މަޖިލިސްއަށް ވެސް މިކަމަށް އެދި ސިޓީ ފޮނުވިން، އެ އެއްވެސް އިދާރާއަކުން ޖަވާބެއް ނުދެއްވާ'' އަޙްމަދު ވިދާޅުވިއެވެ.
އަޙްމަދު ވިދާޅުވީ، މި ނިންމުންނިންމީ ރައްޔިތުންގެ މާލިއްޔަތުން އިތުރަށް ގެއްލުންނުވެ، ރައްޔިތުންނަށާއި ރަށަށް ވެސް މިވަގުތައް އެންމެ ފައިދާހުރި ގޮތަކީ މިއީކަމަށް ބަލައި، މެދުވެރިވި ހާލަތުގެ ސަބަބުންކަމަށެވެ.
ފުނަދޫ ރައީސް އަޙްމަދު ވިދާޅުވީ، އެރަށު ރައްޔިތުންގެ ހަވާލުކުރުމަށް ފެނަކަ ކަނޑައެޅީ، އެ ކުންފުންޏާވެސް ވާހަކަދައްކައި އެކަމަށް ފެހި ސިގްނަލް ލިބިފައިވާތީ ކަމަށެވެ. އަދި މާދަމާ އެކަމަށް އެދި ރަސްމީކޮށް ސިޓީ ފޮނުވާނެކަމަށް އަޙްމަދު ވިދާޅުވިއެވެ.
ޒަމާންތަކެއް ވަންދެން ފުނަދޫ ރައްޔިތުން ހިންގަމުންއައި އިންޖީނުގެ ހިންގުން ދޫކޮށްލަން ނިންމި ނިންމުމަކީ އެރަށުގެ ރައްޔިތުންނަށް އެހާފަސޭހަ ނިންމުމެއް ނޫނެވެ.
މެދުވެރިވި ހާލަތުގެ ސަބަބުން މި ނިންމުން ނިންމިއިރު މިވަގުތު އެ އިންޖީނުގޭގައި 15 މުވައްޒަފަކު ވަޒީފާ އަދާކުރަމުންދެއެވެ. އަދި ޒަމާނީ ޕެނަލް ބޯޑަކާއެކު 1200 ކޭވީއޭގެ ޖަނަރޭޓަރަކާއި، 409 ކޭވީއޭގެ ދެ ޖަނަރޭޓަރާއި، 800 ކޭވީއޭގެ ޖަނަރޭޓަރަކާއި، 250 ކޭވީއޭގެ ޖަނަރޭޓަރަކާއި އަދި 625 ކޭވީއޭގެ ޖަނަރޭޓަރެއް އެ އިންޖީނުގޭގައި މިވަގުތު އެބަހުއްޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!