ތަޢުލީމީ ޖީލެއްބިނާކުރުމަށް ބައިވެރިވުން ދިނުމުގެ ގޮތުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށްގެންދާ ކެރިއާ ގައިޑެންސް ޕްރޮގުރާމް މިއަދު ފަށައިފިއެވެ.

އޭސިއާ ފައުންޑޭޝަންގެ އެހީތެރިކަމާއެކު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ކުރިއަށް ގެންދާ މި ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ ހަނިމާދޫ ސްކޫލްގެ ގްރޭޑް 9 އަދި 10 ގެ ދަރިވަރުންނަށެވެ.

Ad
rt

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރާމް ކުރިއަށް ގެންދަނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގެ ޓްރެއިން ކިލާސްގައެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ދުވަސް ޚާއްޞަކޮށްފައި ވަނީ ހަނިމާދޫ ސްކޫލްގެ ގްރޭޑް 10 ގެ ދަރިވަރުންނަށެވެ. އަދި މާދަމާ ޚާއްޞަކޮށްފައި ވަނީ އެ ސްކޫލްގެ ގްރޭޑް 9 ގެ ދަރިވަރުންނަށެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން މަޢުލޫމާތު ދެއްވާގޮތުގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްދެއްވަނީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލް ޢަލީ އިސްމާޢީލެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށްގެންދާ ކެރިއާ ގައިޑެންސް ޕްރޮގުރާމްގެ ފުރަތަމަ ސެޝަންގެ ތެރެއިން، ފޮޓޯ: ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ

ހަނިމާދޫ ސްކޫލްގެ ގްރޭޑް 9 އަދި 10 އިން 100 އަށް ވުރެ ގިނަ ދަރިވަރުން މި ޕްރޮގްރާމް ފުރިހަމަކުރާނެ ކަަމަށް އެ ޖަމިއްޔާއިން ލަފާކުރަށްވައެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އަންނަނީ މަތީ ތަޢުލީމަށް އަހުލުވެރިކުރުމުގެ ގޮތުން ހަނިމާދޫ ސްކޫލު ބެލެނިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ވެސް ތައްޔާރުވަމުންނެވެ.

އޭސިއާ ފައުންޑޭޝަންގެ އެހީތެރިކަމާއެކު އެ ޖަމިއްޔާއިން ހިންގާ މި ހަރަކާތްތަކުގެ ތެރެއިން މި ދިޔަ ޖުލައި މަހު ވަނީ ފަށާ ތަޢުލީމަށް ޚާއްޞަ ފޯރަމެއް ވެސް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ޖޫން މަހު ވަނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާއި އެންލައިޓިން އަ މައިންޑްފުލް ކޮމިއުނިޓީ (އީ.އެމް.ސީ) ގުޅިގެން ''އަމިއްލަ ނަފްސަށް އިތުބާރު ކުރުން'' މި މައުލޫގެ ދަށުން ވޯކްޝޮޕެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަކީ 1993 ވަނަ އަހަރު ރަޖިސްޓަރީ ކުރެވި ފާއިތުވި 29 އަހަރު ދުވަހު ހުއްޓުމެއްނެތި ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ އަށް ވަނީ 2015 ވަނަ އަހަރު ހދ. އަތޮޅު ކައުންސިލުން، އަތޮޅަށް ފާހަގަ ކޮށްލެވޭ ފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދީފައިވާ ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމް ދެ ދާއިރާއަކުން ލިބިފައެވެ. އެއީ އިޖްތިމާޢީ ދާއިރާއާއި ތަޢުލީމީ ދާއިރާއެވެ.

މީގެއިތުރުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2016 ވަނަ އަހަރު ޤައުމީ އިނާމް ވެސް ހާޞިލް ކޮށްފައެވެ