އެއްވެސް ބަޔަކަށް ހުރިހާ ކަމެއްގައި އެއްބަސް ނުވެވޭނެ ކަމަށާއި، އެމްޑީޕީގައި އޮތް ގޮތަކީ ޚިޔާލުތަފާތުވުންތަކާއި އެކު ކުރިއަށްދިއުން ކަމަށް އެ ޕާޓީގެ ލީޑަރ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 4 ވަނަ ކޮންގްރެސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީއެމްޑީޕީގައި ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ ކަމަށާއި، ތަފާތު ހިޔާލުތަކަށްވެސް ޖާގަ އޮންނާނެ ކަމަށެވެ.

Ad
rt

''އޮތް ހަމައެކަނި ގޮތަކީ، ހިޔާލު ތަފާތުވުންތަކާ، ތަފާތު ހިޔާލުތަކާއެކުގާ ކުރިޔަށް ދިޔުން. ދިވެހިރާއްޖެއާ ދިވެހީންނަށް އުފާވެރި މާދަމާއެއް ގެނެސްދިނުމަށް އަޅުގަނޑުމެން އެކުވެގެން ދިއްލި، މިދަންމަރުގެ އުޖާލާކަން އެންމެ ހިނދުކޮޅަކަށްވެސް ފަނޑުވެ، ނިވުނަ ދީގެން ނުވާނެ'' - ރައީސް ޞާލިޙް -

ރައީސް ވިދާޅުވީ އެމްޑީޕީ އުފެއްދީ ވަކި ގަބޫލުކުރުންތަކެއްގެ މަތީގައި ކަމަށާ އެ ގަބޫލު ކުރުން މަތީގައި ދެމި ތިބެން ޖެހޭ ކަމަށެވެ. އަދި މިއަދު އާދެވިފައި ތިބި ހިސާބަކީ އެތައް ބަޔަކު ކުރި ބުރަ އަދި ނުރައްކާތެރި މަސައްކަތްތަކެއްގެ ނަތީޖާ ކަމަށް ވިދާޅުވިއެވެ. އެގޮތުން އެ ޕާޓީ އަކީ އެކި ދާއިރާއަށް ނިސްބަތްވާ އާންމު ރައްޔިތުން އުފެއްދި ޕާޓީއެއް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންވެ އެމްޑީޕީ އަކީ ދިވެހިން އުފައްދާ، ދިރުވާ އާލާކޮށްފައިވާ ސިޔާސީ މިލްކިއްޔާތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

17 އަހަރުގެ ދިގު ބޮޑު ތަޖުރިބާއަކާއި އެކު ޕާޓީ ކުރިއަށްދާއިރު ސަމާލުކަން ދޭންޖެހޭ މުހިންމު ކަމެއް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން އޭރާއި މިހާރުގެ ޖީލުގެ ތަފާތާއި ވިސްނުމާއި ފިކުރުގެ ތަފާތަށް ބަލަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

''އެމްޑީޕީ އުފެދުނު ދުވަހު، ދުނިޔެއަށް އުފަންވި ކުއްޖާ މިއަންނަ އަހަރު ބާއްވާ ރިޔާސީ އިންތީޚާބުގައި އެބަ ވޯޓުލާ. އަޅުގަނޑުމެން މިކިޔާ 'ޖެން-ޒީ' މިއަދު އެތިބީ ބަސްބުނާ އުމުރަށް ހިންދެމި ގާނޫނީ ވަކި ދިވެހި ފަރުދަކަށްވެފަ. އެޖީލުގެ ބޭނުންތަކާ އުއްމީދުތައް މީގެ 17 އަހަރު ކުރިޔާ ވަރަށް ތަފާތު. ކަންކަމުގާ ދެކޭގޮތް ބަދަލުވެއްޖެ. އެ ޖީލަށްޓަކާ މިދުވަސް ހޯދަން އެމްޑީޕީން އޭރުކުރި މަސައްކަތާ ދެން ކުރަން އޮތް މަސައްކަތް ހާސް ތަފާތު'' - ރައީސް ޞާލިޙް -

އެމަނިކުފާނު ވިދާޅުވީ މިވަގުތު ކުރަންޖެހޭ އެންމެ މުހިންމު އަދި އަވަސް މަސައްކަތަކީ ލިބިފައިވާ ތަޖުރިބާގެ އަލީގައި މިހާރު ނުކުރެވި ހުރި ކަންކަން ކުރުން ކަމަށެވެ. އެގޮތުން ކުރިއަށް ރާވަން ހުރި ސިޔާސަތުތައް ރާވާއިރު، ޒުވާނުންގެ ވިސްނުމާއި ފިކުރާއި އެއްކީލި ވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.