މާދަމާ ފެށުމަށް ހަމަޖެހިފައިވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް ފަސްކޮށްދެއްވުމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް އެދިވަޑައިގެންފިއެވެ.
އާޒިމް މި ގޮތަށް އެދިވަޑައިގަތީ އެމްޑީޕީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލަށް އެޑްރެސްކުރައްވައި މިއަދު ފޮނުއްވި ސިޓީއެއްގައެވެ.
އެ ސިޓީގައި އާޒިމް ވިދާޅުވެފައި ވަނީ އެމްޑީޕީގެ އަސާސީގަވާއިދުގައި ބުނާގޮތުގެ މަތިން އެ ޕާޓީގެ އެންމެ އިސް ގުނަވަނަކީ އެ ޕާޓީގެ ކޮންގެރެސް ކަމަށެވެ. އަދި ކޮންގްރެސްގެ ކޮމްޕޮޒިޝަން އެކުލެވިގެންވާ ގޮތަށް ރިއާޔަތްކުރާ އިރު، ގޮފިތަކުގެ ރައީސުން ކޮންގްރެސްގައި ވޯޓިން ޑެލިގޭޓުންގެ ގޮތުގައި ތަމްސީލްކުރުމުގެ ފުރުސަތު ދީފައިވާކަން ފާހަގަ ކުރައްވާ ކަމަށެވެ.
އެ ސިޓީގައި އޭނާ އިތުރަށް ވިދާޅުވެފައި ވަނީ، އެ ގޮފިތަކުގެ ހިންގާ ކޮމިޓީ އެކުލަވާލަން ޖެހެނީ ގޮފި ގަވާއިދުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން އިންތިހާބެއް ބޭއްވުމަށްފަހު ކަމަށެވެ. އަދި ކޮންގްރެސްގައި ގޮފި ތަމްސީލްކުރާ ގޮފީގެ ރައީސް ނުވަތަ ގޮފީގެ ނައިބު ރައީސް ވާންޖެހެނީ އެ ގަވާއިދުގައި ބުނާ ހަމައިގެ މަތިން އިންތިޚާބުކުރެވިފައިވާ ފަރާތްތަކަށް ކަން ސާފުކޮށް އިނގޭ ކަމަށް ވިދާޅުވެފަވެއެވެ.
ނަމަވެސް، މާދަމާ ފެށުމަށް ހަމަޖެހިފައިވާ ޕާޓީގެ ކޮންގްރެސްއަށް ގޮފިތަކުން ނޮމިނޭޓް ކޮށްފައިވާ ގިނަ މަންދޫބުންނަކީ ގޮފި ގަވާއިދާ އެއްގޮތަށް އިންތިހާބުވެފައިވާ ފަރާތްތަކެއް ނޫންކަމަށް އާޒިމް ވިދާޅުވެފަވެއެވެ.
''ގޮފިތަކުން ކޮންގްރެސްގައި ތަމްސީލްކުރާ ފަރާތްތަކުގެ މައުލޫމާތު މިވަގުތާއި ހަމައަށް ވެސް ހިއްސާކޮށްފައިނުވާތީވެ، އެފަރާތްތައް ކުރިއަށް މިއޮތް ކޮންގްރެސްގައި ބައިވެރި ވެއްޖެނަމަ، ކޮންގްރެސްގެ ގާނޫނީ ހައިސިއްޔަތާއި މެދު ސުވާލު އުފެއްދުމަށް ޖާގަދެވިގެންދާނެ ކަމަށް ދެކެމެވެ.'' އާޒިމް ވިދާޅުވެފަވެއެވެ.
އެހެންކަމުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްއަށް ނޮމިނޭޓްކޮށްފައިވާ ގޮފިތަށް ތަމްސީލުކުރާ މަންދޫބުންގެ ގާނޫނީ ހައިސިއްޔަތާ މެދު އެ ޕާޓީއަށް ނިސްބަތްވާ ގިނަ މެމްބަރުންގެ މެދުގައި ކަންބޮޑުވުން ފާޅުކުރަމުންގެންދަވާ ކަމަށް އާޒިމް ވިދާޅުވެފަވެއެވެ.
އެ ސަބަބަށްޓަކައި ގޮފިތަކުން ކޮންގްރެސްގައި ބައިވެރިވާ ރައީސުން ނުވަތަ ނައިބު ރައީސުންގެ ގާނޫނީ ހައިސިއްޔަތު ކަށަވަރު ކުރުމަށްފަހު ނޫނީ ކޮންގްރެސް ކުރިއަށް ނުގެންދިއުމަށް އާޒިމް ވަނީ އެދިވަޑައިގެންފައެެވެ.
މީގެއިތުރުން އާޒިމް ވަނީ ގޮފިތަކުން ހުށަހެޅި މަންދޫބުން އިންތިހާބުކުރިގޮތާއި އެ މަންދޫބުންގެ ތަފްސީލު ހިމެނޭ ލިސްޓެއް ހިއްސާކޮށްދިނުމަށް ވެސް އެދިވަޑައިގެންފައެވެ.
މާދަމާ ފެށުމަށް ހަމަޖެހިފައިވާ އެމްޑީޕީ ކޮންގްރެސް ކުރިއަށް ގެންދަން ނިންމާފައި ވަނީ މާލޭގެ ސޯޝަލް ސެންޓަރުގަ އެވެ. މި ކޮންގްރެސްގައި އެ ޕާޓީގެ 1440 އެއްހާ މަންދޫބުން ބައިވެރިވާނެ ކަމަށް އެ ޕާޓީން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!