އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ކައުންސިލްތައް އުފެއްދުމަށްފަހު، ށ. ފީވަކުގެ ތަރައްޤީ އާއި ގުޅޭ ގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރުމުގެ ފުރުޞަތެއް މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ލިބިފައި ނެތްކަމަށް ފީވަކު ކައުންސިލުން ވިދާޅުވެއްޖެއެވެ.
ފީވަކު ކައުންސިލް މެންބަރުން މިހެން ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް މިއަދު ބޭއްވެވި ބައްދަލުވުމުގައެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމާގުޅޭ ގޮތުން މައުލޫމާތު ހާމަކުރައްވަމުން ރައީސް އޮފީހުން ވިދާޅުވީ، މިބައްދަލުކުރެއްވުމުގައި ފީވަކު ކައުންސިލުން ވަނީ، އެރަށް ޢުމުރާނީ ގޮތުންނާއި އިޤުތިޞާދީ ގޮތުން އަދި، އިޖުތިމާޢީ ގޮތުން ތަރައްޤީވާން ފަށާފައި ވަނީ މިސަރުކާރުގެ މިފާއިތުވި 4 އަހަރުގެ ތެރޭގައިކަން ފާހަގަކުރައްވާފައެވެ.
ފީވަކު ކައުންސިލް މެންބަރުން ދެއްކެވި ވާހަކާގައި ވަނީ، ފީވަކުގެ ތަރައްޤީއަށްޓަކައި ވަޢުދެއް ވެވަޑައިގެންނެވި، ހަމައެކަނި ވެރިއަކީ، މިހާރުގެ ރައީސް ޞާލިޙް ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް ތަރައްޤީގެ މަޝްރޫއުތައް ހިނގަމުންދާކަން ފާހަގަ ކުރެއްވިއެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއުތައް ނިމިފައިވާކަން ވެސް ކައުންސިލުން ފާހަގަކުރައްވާފައިވެއެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ކައުންސިލްތައް އުފެއްދުމަށްފަހުގައި، ފީވަކުގެ ތަރައްޤީ އާއި ގުޅޭ ގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރުމުގެ ފުރުޞަތެއް މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ލިބިފައި ނެތްކަންވެސް ކައުންސިލް މެމްބަރުން ފާހަގަކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ވަނީ މައުލޫމާތު ހާމަކުރައްވާފައެވެ.
މީގެ އިތުރުން ފީވަކު ކައުންސިލުން ވަނީ، މިހާރު އެ ރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަން ވެސް ރައީސަށް ދަންނަވާފައެވެ. އޭގެ ތެރޭގައި އެރަށުގައި މޫދަށް އެރޭނެ ސަރަހައްދެއް ނެތުމާ، ރަށްގިރުމުގެ މައްސަލަ ހިމެނެއެވެ.
މިބައްދަލުކުރެއްވުމުގައި ފީވަކުގައި މޫދަށް އެރޭނެ ސަރަހައްދެއް ކަނޑައަޅައި އެސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތާއި، ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ ކަންކަން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރައްވައި ބައްލަވައިދެއްވާނެކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!