ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ފަރާތުން އެރަށުގައި ހިންގަމުން އަންނަ ޕްރީސްކޫލްގެ މަގުމަތީ ފާރު ރާނައި، ރީތިކުރުމުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އެހީތެރިކަމާއެކު ނިމުމަކަށް ގޮސްފައިވާ ކަމަށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ބުނެފިއެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސް ހުސައިން ވަޙީދު ''ތިލަދުން''އަށް ވިދާޅުވީ، އެ ޖަމިއްޔާއިން ހިންގާ ޕްރީސްކޫލްގެ މަގުމަތީ ފާރު ރާނައި، ރީތިކުރުމަށް ބޭނުންވާ ތަކެތި، އެމްޓީސީސީގެ ސީއެސްއާރުގެ ދަށުން އެ ޖަމިއްޔާއަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އެހެންވެ، ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ މިކަމަށްޓަކައި އެމްޓީސީސީގެ ސީއީއޯ އާދަމް އާދަމް އާޒިމަށާއި، އެ ކުންފުންޏަށް ޝުކުރު އަދާކޮށްފައެވެ.
އެމްޓީސީސީން ތަކެތި ދިނުމުން އެ މަސައްކަތް ކުރަނީ އެ ޖަމިއްޔާގެ ފަރާތުން ބަޔަކާ ހަވާލުކޮށްގެންނެވެ.
އެމްޓީސީސީން ހަނިމާދޫގައި ކުރިއަށް ގެންދިޔަ އެރަށުގެ މަގު ހެދުމުގެ މަޝްރޫޢު މިހާރު ނިންމާލާފައި ވާއިރު، އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ބަނދަރު މަގެއްގައި ވަނީ ތާރު އަޅައިދީފައެވެ. އަދި ހަނިމާދޫ ސްކޫލްގެ ކުރިމަތީ ބެލެނިވެރިން މަޑުކޮށްލާނެ ތަނެއް ހެދުމަށް ވެސް އަންނަނީ ކައުންސިލަށް އެހީތެރިވަމުންނެވެ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ބޮޑު ބަޔެއް މިހާރު ނިމިފައިވާއިރު، އެ މަސައްކަތް ކުރަމުން އަންނަނީ ވެސް އެމްޓީސީސީންނެވެ.
@MTCCPlc އެހީ ތެރިކަމާއި އެކު ތަކެތި ފޯރުކޮށްދިނުމުން ސަޢާދާ ޕްރީސްކޫލުގެ މަގުމަތި ފާރު ނިމުމަކަށް .ޝުކުރިއްޔާ @MTCCPlc #mtcccrc##CRC @adamazim pic.twitter.com/Dd5GH5AODJ
— Hanimaadhoo ZJ (@HanimaadhooZJ) August 13, 2022
އައު ދިރާސީ އަހަރަށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ފަރާތުން އެރަށުގައި ހިންގަމުން އަންނަ ޕްރީސްކޫލްގެ ކިޔެވުން ފެށުމަށް އެ ސްކޫލްގެ ދެ ކްލާސް ރޫމް ވެސް ވަނީ އަޕްގްރޭޑްކޮށްފައެވެ. މި މަސައްކަތްކޮށްފައި ވަނީ ހަނިމާދޫ ކައުންސިލްގެ އެހީތެރިކަމާއެކު ކަމަށް ޖަމިއްޔާއިން މައުލޫމާތު ދެއްވިއެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ފަރާތުން އެރަށުގައި ޕްރީސްކޫލްގެ ތައުލީމު ފޯރުކޮށްދޭތާ މިހާރު 20 އަކަށް އަހަރުވެފައިވާއިރު، މިވަގުތު ވެސް ސައާދާ ޕްރީސްކޫލްގައި 68 ދަރިވަރަކު އުނގެނެމުން ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!