ހއ .ދިއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އެ ކައުންސިލްގެ 5 ވަނަ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އެ ރަށުގައި ރަޖިސްޓަރީ ކޮށްފައިވާ ކުލަބް ޖަމިއްޔާތަކަށް ހުޅުވާލައިފިއެވެ.

ދިއްދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގައި ރަޖިސްޓްރީކޮށް ހިންގަމުންދާ ކުލަބް ޖަމްޢިއްޔާތަކާއި އެ ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމެވެ. އަދި އެ ރަށުގައި ފުޓްބޯޅަ ކުޅުމުގެ ހުނަރާއި އާދަ އިތުރުކުރުމާއި ފުޓްބޯޅަ މުބާރާތްތަކުގައި ވާދަކޮށް ކުޅިވަރުގެ ފުރުޞަތު ކުލަބު ޖަމްޢިއްޔާތަކާއި ޒުވާނުންނަށް ފަހިކޮށްދިނުމުގެ އިތުރުން ރާއްޖޭގެ ފެންވަރުގައި، ކުޅިވަރުގެ ހުނަރާއި ތަމްރީން ލިބިފައިތިބި ޤާބިލް ޒުވާނުން އުފައްދައި އެ ޒުވާނުން ކުޅިވަރުގެ މައިދާނަށް ނެރުމެވެ.

Ad
rt

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 (ދިހަހާސް ރުފިޔާ) ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 5000 (ފަސްހާސް ރުފިޔާ) ދިނުމަށް ހަމަޖެހިފައެވެ. އަދި ފެއާޕްލޭ ޓީމަށް 1500 (ފަނަރަސަތޭކަ ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ މަޤާމުތަކުގެ ތެރޭގައި ހިމެނެނީ ޗެމްޕިއަން ޓީމް، ރަނަރ-އަޕް ޓީމް، ފެއަރ ޕްލޭ ޓީމް، އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ، އެންމެ މޮޅު ޑިފެންސް ކުޅުންތެރިޔާ، އެންމެ މޮޅު މިޑްފީލްޑް ކުޅުންތެރިޔާ، އެންމެ މޮޅު ފޯވާޑް ކުޅުންތެރިޔާ، އެންމެ މޮޅު ގޯލް ކީޕަރ، އެންމެ އުއްމީދީ ކުޅުންތެރިޔާ، އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކޯޗެވެ.

ދިއްދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތުގައި ބައިވެރިވުމަށް ޓީމް ރަޖިސްޓްރާކުރާ ފޯމް ހުށަހެޅޭނެ އެންމެފަހު ތާރީޚަކީ 10 އޯގަސްޓް 2022 ވާ ބުދަ ދުވަހުގެ 1:00 އެވެ. އަދި ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓަރީވުމަށް އެދޭފޯމު ފުރުއްވުމަށްފަހު 22 އޯގަސްޓް 2022 ވާ ހޯމަ ދުވަހުގެ 1:00ގެ ކުރިން އެ ކައުންސިލަށް ހުށަހެޅުއްވަން ޖެހެއެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 28 އޯގަސްޓް 2022 ގައެވެ.