ސްކޫލް ޗުއްޓީ ބަދަލުކުރުމަކީ ފަސޭހަ ކަމެއް ނޫންކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަދު މީޑީއާޔާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

Ad
rt

އަހަރުގެ މެދުތެރެއަށް ސުކޫލް ޗުއްޓީ ބަދަލު ކުރުމާއި ގުޅިގެން ބައެއް އާންމުންނާއި ބެލެނިވެރިން އަދި ބައެއް ޓިޗަރުން އަންނަނީ ޝަކުވާ ކުރަމުންނެވެ.

އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ޗުއްޓީ ބަދަލުކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެފަދަ ވިސްނުމެއް ވެސް އަދި ނުގެންގުޅުއްވާ ކަމަށެވެ.

ނަމަވެސް ސްކޫލްތަކުގެ ބޮޑު ޗުއްޓީއަށް އަނެއްކާ ވެސް ބަދަލެއް ގެންނަން އާއްމުން ބޭނުންވާނަމަ އެކަމާ ސަރުކާރުން ވިސްނާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ. އެކަމަކު، ޖުލައި މަހު ސްކޫލް ޗުއްޓީ ދިނުމާއި އާންމުންގެ ގިނަ ބަޔަކު ދެކޮޅުހަދާ ނަމަ، ޗުއްޓީ ދުވަސްވަރު ބަދަލުކުރެވިދާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ. އެކަމަކު އެއީ މިނިސްޓަރު ވިދާޅުވި ގޮތުގައި ފަސޭހަކަމެއް ނޫނެވެ.

"ސްކޫލް ޗުއްޓީ އެހެން ދުވަސްވަރަކަށް ބަދަލުކުރާނަމަ، ދިރާސީ އާ އަހަރު ކުރުކޮށް، ނުވަތަ ދިގުކުރަން ޖެހޭނެ، އަދި އަލުން އެފަދަ ބަދަލެއް ގެނެސްގެން ދަރިވަރުންނަށް އޭގެ އަސަރުކުރާނެ"

މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން ރާއްޖޭގައި ދިރާސީ އާ އަހަރު ފަށަމުން ދިޔައީ ކޮންމެ ޖެނުއަރީ މަހެއްގެ ދެ ވަނަ ހަފުތާގެ ތެރޭގަ އެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން ސްކޫލުތައް ބަންދުކޮށް ދިގުލައިގެން ދިއުމާއި އޯ ލެވެލް އިމްތިހާނު ބާއްވާ ތާރީހު ފަސްވެގެން ދިއުމުން ސްކޫލުތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ދިރާސީ އާ އަހަރު ފަށާ މުއްދަތު ބަދަލުކުރީ އެވެ.

ސުކޫލްތަކުގެ ޗުއްޓީ ނިމުމަށް ފަހު، މި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.