ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި މެގްނެޓިކް ރެސޮނެންސް އިމޭޖިން (އެމްއާރުއައި) ގެ ޚިދުމަތް ފެށިފަހުން މިހާތަނަށް 3000 އަށްވުރެ ގިނަ ހަދައިފި އެވެ.
އެހޮސްޕިޓަލުގައި އެމްއާރުއައިގެ ޚިދުމަތް ދޭންފެށުނީ 2021 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ. އެއީ 23 މިލިއަން ރުފިޔާއަށް ވުރެ އަގު ބޮޑު ޕްރޮޖެކްޓެކެވެ.
ކޭއާރުއެޗުން މިއަދު ވިދާޅުވީ، އެ ހޮސްޕިޓަލުގައި އެމް.އާރު.އައި ހިދުމަތް ދޭން ފެށިފަހުން 3000 އަށް ވުރެ ގިނަ އެމް.އާރު.އައި ސްޓަޑީސް ހެދިފައިވާ ކަމަށް ތަފާސް ހިސާބުން ދައްކާ ކަމަށެވެ.
އެ ހޮސްޕިޓަލްގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2022 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 3021 އެމް.އާރު.އައި ހެދިފައިވާ އިރު 2394 މީހުން އެ ހޮސްޕިޓަލުން މި ހިދުމަތް ހޯދާފަވެއެވެ.
އެމް.އާރު.އައި އަކީ، ރޭޑިޔޯ ވޭވް އަދު މެގްނެޓިކް ފީލްޑް ބޭނުންކޮށްގެން، ހަށިގަނޑުގެ މަޑު ޓިޝޫ އާއި ކަށިގަނޑުގެ ހާލަތު ދެނެގަތުމަށް ކުރަހާލެވޭ ތަފްޞީލީ ފޮޓޯއެކެވެ.
ހާއްސަ ސިއްހީ ހިދުމަތްތައް ލާމަރުކަޒީކޮށް ރައްޔިތުންނާއި ވީހާވެސް ގާތުން ހިދުމަތް ދިނުމަކީ މި ސަރުކާރުގެ މުހިއްމު އަމާޒެއްކަމަށްވީ ހިނދު، ކޭއާރުއެޗުގައި ވެސް ކުރިން ލިބެންނެތް އެތަކެއް ހިދުމަތެއް ޤާއިމްކޮށް، ހާއްސަ އަދި އާންމު ބަލިތަކުގެ ޑަކްޓަރުންނާއި، ނަރުހުންގެ އަދި އެކި ދާއިރާތަކުން މުވައްޒަފުންވަނީ ގިނަ އަދަދަކަށް އިތުރުކުކޮށްފައިކަން އެ ހޮސްޕިޓަލުން ފާހަގަ ކުރަށްވައެވެ.
ކޭއާރުއެޗުގެ ޑެޕިއުޓީ ސީ.އީ.އޯ އަޙްމަދު ދާވޫދު (ޑޭވިޑް) ފާހަގަކުރައްވާ ގޮތުގައި އެމް.އާރު.އައި ގެ ހިދުމަތް އެ ހޮސްޕިޓަލުން ލިބެން ފެށުން ވެގެންދިޔައީ މި ސަރަހައްދުގެ ރައްޔިތުންނަށް ލިބުނު ބޮޑު ތަސައްލީއަކަށެވެ. ކުރިންނަމަ، އެމް.އާރު.އައި ހެދުމަށް މާލެއަށް އެކުރަންޖެހޭ ދަތުރަށް މަދުވެގެން ވިއްސަކަށް ހާސް ހަރަދުކުރަން ނުޖެހޭ އާއިލާއެއް މަދުވާނެ ކަމަށާއި، މިފަދައިން 3000 ސްޓަޑީ ހެދުމަށް 3000 ކުރަން ރައްޔިތުންގެ އަތުން 60 މިލައަން ހަރަދުވާނެކަމަށް އަންދާޒާކުރެއްވިއެވެ.
ގިނަ އާ ހިދުމަތްތަކެއް ފެށި ރެފަރަލްސް ވެސް މަދު ކުރެވިފައިވާ ކަމަށް ހާމަކުރައްވަމުން ޑޭވިޑް ވަނީ އަދިވެސް އަތޮޅުތެރޭގައި ޤާއިމު ކުރަން ޖެހޭ މިފަދަ މުހިންމު އެތައް ހިދުމަތްތަކެއް ހުރިކަން ފާހަގަ ކުރައްވާފައެވެ. އަދި އެ ޚިދުމަތްތައް ޤާއިމުވެގެން ދިއުމަކީ ރައްޔިތުންގެ ޖާނާއި މާލަށް ލިބިގެންދާނެ ބޮޑު ލުޔެއް ކަމަށް ވިދާޅުވިއެވެ.
އެމްއާރުއައި ހަދަން މާލެ ދިއުން ނިމުމަކަށް، ކޭއާރުއެޗްގައި އެ ޚިދުމަތް ދޭން ފަށައިފި
ޑޭވިޑް އިތުރަށް ވިދާޅުވި ގޮތުގައި ހިދުމަތްތައް ފުޅާކޮށް، އާ ހިދުމަތްތައް ފެށި، ކޭއާރުއެޗްގައި މުވައްޒަފުން އިތުރުކުރެވި އަދި އުމްރާނީ ތަރައްޤީތައް ގެނެވިފައިވީ ނަމަވެސް އަދި ވެސް ހޮސްޕިޓަލުގައި ރަނގަޅު ކުރަން އެތަކެއް ކަމެއް އެބަހުއްޓެވެ. އަދި މިފަދަ ކަންކަން ދެނެގަނެ އަބަދުވެސް ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ކޭއާރުއެޗްގައި އެމް.އާރު.އައި ހިދުމަތް ދިނުމަށް ދައުލަތުގެ މާލިއްޔާއިން ބޮޑު އަދަދެއް ހޭދަކުރާއިރު، މި ހިދުމަތަކީ ރައްޔިތުންނަށް އެއްވެސް އިތުރު ފީއަކާއި ނުލައި އާސަންދައިގެ ދަށުން ލިބިދެވޭ ހިދުމަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!