ހއ. އުތީމުގައި ހޭންޑް ބޯލް ތަމްރީން ޕްރޮގްރާމެއް ހިންގަން ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ތަމްރީން ޕްރޮގްރާމަކީ، އުތީމު ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި އަދި ހޭންޑް ވޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދަން ނިންމާފައިވާ ޕްރޮގްރާމެކެވެ.
މި ތަމްރީން ޕްރޮގްރާމްގައި އެރަށުގެ ދެ ޖިންސުގެ މީހުންނަށް ވެސް ބައިވެރިވެވޭނެ ކަމަށް އުތީމު ކައުންސިލުން ވިދާޅުވެއެވެ.
މި އޯގަސްޓް މަހުގެ 11 އިން 20ގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު ބައިވެރިވުމަށް 7920038 ނުވަތަ 6500038 ނަންބަރު ފޯނަށް ގުޅައިގެން ނަން ނޯޓު ކުރެވޭނެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް ނަން ނޯޓު ކުރުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 4 ވަނަ ދުވަހުގެ 14:00 އެވެ.
އުތީމު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން މީގެ ކުރިން އެރަށުގައި ވަނީ އެރަށު އަންހެން ބޭފުޅުންނަށް ޚާއްޞަކޮށްގެން ހޭންޑް ބޯލް ކޯޗިން ކޭމްޕެއް ވެސް ހިންގާފައެވެ. މީގެ އިތުރުން ވޮލީ ބޯލް ތަމްރީންތަކާއި މުބާރާތްތައް ވެސް ވަނީ ހިންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!