ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ "ނެއްލައިދޫ ކައުންސިލް ކަޕް 2022" ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެފްސީ ފްރެންޑްސް އިން ކާމިޔާބު ކޮށްފިއެވެ.

ދިވެހިރާއްޖޭގެ ހޯމް މިނިސްޓަރ ސެއިޚް އިމްރާން އަބްދުﷲ ޝަރަފްވެރި ކޮށްދެވި ފައިނަލް މެޗު އިއްޔެ ހަވީރު ނެއްލައިދޫ ފުޓްބޯޅަ ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައިވަނީ އެފްސީ ފްރެންޑްސްއާއި ކުލަބް ރެފިއުޖީއެވެ.

Ad
rt

ފައިނަލް މެޗު އެފްސީ ފްރެންޑްސްއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުން ކުލަބް ރެފިއުޖީގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ އެސްފީ ފްރެންޑްސް ޓީމުންނެވެ. މި ލަނޑު މެޗުގެ ކުރީކޮޅު އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ ޖޯޒީ ނަންބަރު 7 ތައުމީން ނޫހްއެވެ. ނަމަވެސް މެޗުގެ ފުރަތަ ހާފް ނިމުމުގެ ކުރިން ރެފިއުޖީގެ ޖޯޒީ ނަންބަރު 21 މުހައްމަދު ޝާވިން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މެޗުން އެފްސީ ފްރެންޑްސް މޮޅުވެފައި ވަނީ އެ ޓީމުގެ ޖޯޒީ ނަމްބަރު 26 އަލީ ޝާހީން ރެފިއުޖީގެ ގޯލުގެ ކުރިމައްޗަށް ނަގައިދިން ބޯޅައެއް ކުލިއާ ކޮށްލަން އުޅުމުގެ ތެރޭގައި ރެފިއުޖީގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ.

ފައިނަލް މެޗު ނިމުމާއިއެކު ވަނީ މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް މެޑަލްއާއި ތައްޓާއި ފައިސާގެ އިނާމް ހަވާލުކޮށްފައެވެ.

މުބާރާތުގެ ވަނަތަކަށް ބަލައިލާއިރު އެންމެ މޮޅު ފޯވާޑް ކުޅުންތެރިޔާއަށް ހޮވިފައިވަނީ އެފްސީ ފްރެންޑްސް ގެ ޖޯޒީ ނަންބަރު 7 ތައުމީން ނޫހްއެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ވެސް ހޮވިފައިވަނީ އޭނާއެވެ.

މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރ ކުޅުންތެރިޔަކަށް ކުލަބް ރެފިއުޖީ ގެ ޖޯޒީ ނަންބަރު 16 އަލީ މުޢާޒު ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ގޯލު ކީޕަރަކަށް ހޮވިފައި ވަނީ އެފްސީ ފްރެންޑްސް ގެ ޖޯޒީ ނަންބަރު 1 އަހްމަދު ސާހިދުއެވެ.

މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރަކަށް ނިކަ ސިޓީގެ ޖާޒީ ނަންބަރު 4 މޫސާ ސިނާޒު ހޮވިފައިވާއިރު، މުބާރާތުގެ އެންމެ މަގްބޫލް ކުޅުންތެރިޔަކީ އެފްސީ ފްރެންޑްސް ގެ ޖާޒީ ނަންބަރު 8 އަހްމަދު ސިރާޖެވެ.

މިމުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުލަބް ރެފިއުޖީ ގެ ޖާޒީ ނަންބަރު 27 މުހަންމަދު ނަހުޒާންއެވެ. އަދި

އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެފްސީ ފްރެންޑްސް ގެ ކޯޗު އަބުދުލް ބާރީއެވެ.

މުބާރާޓުގެ ފެއަރ ޕްލޭ ކުޅުންތެރިއަކަށް އެފްސީ ދުންމާރި ގެ ޖާޒީ ނަންބަރު 7 ހުސައިން އީސާ ހޮވުނުއިރު، ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ އެފްސީ ދުންމާރިއެވެ. ބެސްޓު ސަޕޯޓާރސް ޓީމަކަށް ހޮވިފައި ވަނީ ކުލަބް ރެފިއުޖީއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 (ފަންސަވީސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ. ރަނަރަޕް ޓީމަށް 7000 (ހަތްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.