ބަންގްލަދޭޝްގައި މަތީ ތައުލީމް ހާސިލް ކުރަމުންދިޔަ، ރައުދާ އާތިފްގެ މަރުގެ މައްސަލަ އަލުން ތަހުގީގުކުރަން އެ ގައުމުގެ ކޯޓަކުން އަންގައިފި އެވެ.

ދިވެހި މޮޑެލް، ރައުދާގެ މަރުގެ މައްސަލަ ތަހުގީގުކުރަން ބަންގްލަދޭޝްގެ ރާޖްޝާހީ ކޯޓުން ފުލުހުންނަށް އެންގީ އިއްޔެއެވެ.

Ad
rt

ބަނގްލަދޭޝްގައިި މެޑިސިން ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި މޮޑެލް ރައުދާ އާތިފް ދަންޖެހިފައި ހުއްޓައި ފެނުނީ 2017 އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހުއެވެ. ރައުދާ ދަންޖެހި މަރުވެފައި ހުއްޓާ ފެނުނީ އޭނާ ބަންގްލަދޭޝްގައި ކިޔަވަން އުޅުނު ކޮލެޖްގެ ނިދާ ކޮޓަރި ތެރެއިންނެވެ.

2017 ވަނަ އަހަރު ހިނގި މި ހާދިސާ ބަންގްލަދޭޝްގެ ފުލުހުން އޭރު ތަހުގީގު ކުރުމަށް ފަހު ރައުދާ މަރުވީ އަމިއްލައަށް ކަމަށް ވަނީ ބުނެފައެވެ. އަދި ރައުދާގެ އޮޓޮޕްސީ ރިޕޯޓުންވެސް ދައްކާ ގޮތުގައި އޭނާ ވަނީ އަމިއްލައަށް ދަންޖެހިގެން މަރުވެފައެވެ. އެހެންނަމަވެސް ގިނަ ބަޔަކު ދިޔައީ އޭނާ މަރާލީ ކަމަށާއި އެއީ ރާވައިގެން ކުރި ކަމެއް ކަމަށް ތުހުމަތު ކުރަމުންނެވެ. އަދި ރައުދާގެ އާއިލާއިންވެސް އޭނާ އަމިއްލައަށް މަރުވީ ކަމަށް ގަބޫލުކުރަން އިންކާރު ކުރިއެވެ. މިކަމާއި ގުޅިގެން 2017 ވަނަ އަހަރުގެ އެޕްރީލް މަހު ރައުދާގެ ބައްޕަ މުހައްމަދު އާތިފް ވަނީ ރައުދާ މަރާލީ ކަމަށް ބުނެ މައްސަލަ ފުލުހުންނަށް ހުށައަޅާފައެވެ.

ރައުދާގެ ބައްޕަ އާތިފްގެ ވަކީލް، އަސްލަމް ސަރްކަރް އާއި ހަވާލާދީ ބަންގްލަދޭޝްގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާޖްޝާހީ ކޯޓުން އިއްޔެ ވަނީ އެ މައްސަލަ އެސިސްޓެންޓް ސުޕްރިޓެންޑެންޓް ޕޮލިސް (އޭއެސްޕީ) އޮފިސަރަކާއި ހަވާލުކޮށްގެން އަލުން އެ މައްސަލަ ތަހުގީގު ކުރުމަށް އަމުރުކޮށްފައެވެ.

މި މައްސަލަ އެ ގައުމުން މީގެ ކުރިން ވަނީ ފަސް ފަހަރެއްގެ މަތިން ތަހްގީގުކޮށްފައެވެ. އެހެންކަމުން މިއީ އެ މައްސަލަ ތަހުގީގުރާ ހަވަނަ ފަހަރެވެ.