ރަށުގައި ތިބެގެން އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަން ހއ.އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ.

މިކަމާ ގުޅޭ ގޮތުން އިހަވަންދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ރަށުގައި ތިބެގެން އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަން ބޭނުންވާތީ އެފަދަ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް އެދޭ ކަމަށެވެ.

Ad
rt

އެހެން ކަމުން މި ކަމަށްޓަކައި ތައްޔާރު ކޮށްފައިވާ ގޫގުލް ފޯމް ހުށަހެޅުމަށް ނުވަތަ ކައުންސިލުން މިކަމަށް ދޫކުރާ ފޯމު ހުށަހެޅުމަށް އިހަވަންދޫ ކައުންސިލުން ވަނީ އެދިފައެވެ.

އިހަވަންދޫ ކައުންސިލުން ބުނީ މިފަދަ ފަރާތްތަކުން ކައުންސިލުގައި ރަޖިސްޓްރީ ވުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ އޯގަސްޓް މަހުގެ 31 ވަނަ ދުވަސް ކަމަށެެވެ.

އިހަވަންދޫގައި އަމިއްލަ މަސައްކަތްތެރިން ގިނަ، އެ މަސައްކަތްތެރިންގެ މަސައްކަތުގެ ހިއްސާއިން ރަށުގެ އިގްތިސާދީ ހާލަތު ރަނގަޅު ފުދުންތެރި ރައްޔިތަކު ދިރިއުޅެމުން އަންނަ ރަށެކެވެ. މިގޮތުން އެރަށު ރަށްޔިތުންގެ މައިގަނޑު މަސައްކަތް ގުޅިފައިވަނީ ދިވެހިންގެ ލޭ ނާރު ކަމަށްވާ މަސްވެރިކަމާއެވެ. އެ ރަށަކީ ޒަމާނީ ފެންވަރުގެ މަސް އުޅަނދުތައް ގިނަ އަދި އެ މަސައްކަތުގައި ރަށުގެ ޒުވާނުންވެސް ވަރަށް ބޮޑަށް ބައިވެރިވުން އޮންނަ ރަށެކެވެ. މަސްވެރިކަމުގެ އެކި ވިޔަފާރިތަކުގެ އިތުރުން ވެސް އަމިއްލަ އެކިބާވަތުގެ މަސައްކަތްތައް އެރަށުގެ ރައްޔިތުން ކުރެއެވެ.