ބައެއް ޙާލަތުގައި މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ހެއްކާބެހޭ ބިލު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު އިއްޔެ ތަސްދީގުކުރެއްވާފައިވާއިރު ހެއްކާބެހޭ ޤާނޫނުގައި މަސްދަރު ހާމަކުރަން މަޖުބޫރުކޮށް ހިމަނާފައިވާ މާއްދާ އިސްލާޙްކުރުމަށް ދިވެހި ނޫސްވެރިންގެ ހައްގުގައި ހުއްޓާނުލާ މަސައްކަތްކުރާނެ ކަމަށް ދިވެހި ނޫސްވެރިންގެ ޖަމިއްޔާއިން ބުނެފިއެވެ.

ހެއްކާބެހޭ ޤާނޫނަށް ޢަމަލުކުރަންފެށުމާއެކު، ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނެރުނު ބަޔާނެއްގައި ވަނީ 158 ނޫސްވެރިން ސޮއިކުރުމަށް ފަހު ރައީސަށް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށް އޭގައިވާ ކަންބޮޑުވުންތަކަށް ރިޢާޔަތް ނުކޮށް އެ ބިލު ތަސްދީގު ކުރެއްވުމަކީ ގާނޫނު އަސާސީން ކަށަވަރު ކޮށްދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަމާއި ރައްޔިތުންނަށް ސައްހަ މައުލޫމާތު ލިބުމުގެ ހައްގަށް ހުރަސް އަޅައި އެ ހައްގުތައް ހަނިކުރުމަށް ސަރުކާރުން ހިންގި ޢަމަލެއް ގޮތުގައި ސިފަކޮށްފައެވެ.

Ad
rt

އެމްޖޭއޭއިން ބުނީ މި ބިލު އެ އޮތްގޮތަށް ތަސްދީގު ކުރުމުން އެނގިގެން ދަނީ މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް ދިނުމަށް ދައުލަތުގެ އިދާރާތަކުގެ ހެޔޮ ނިޔަތް ނެތްކަން ކަމަށެވެ. އަދި މަސްދަރު ހާމަކުރުމަށް މަޖުބޫރުކޮށްފައިވާ އެ ޤާނޫނުގެ 136 ވަނަ މާއްދާ އިސްލާހު ކުރުމަށް ދިވެހި ހުރިހާ ނޫސްވެރިންގެ ހައްގުގައި ކުރަމުން އަންނަ މަސައްކަތް ހުއްޓާނުލާނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

ހެއްކާބެހޭ ޤާނޫނަކީ، މަދަނީ މައްސަލަތަކާއި ޖިނާޢީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގައި ތަބާވާންޖެހޭ އުޞޫލުތަކާއި، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި އެނޫންވެސް ހެއްކާބެހޭ ޢާންމު އުޞޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ މަޤުޞަދުތަކުގެ ތެރޭގައި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިންޞާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤު އެގޮތުގައި ކަށަވަރު ކޮށްދިނުމަށް ބޭނުންވާ އަސާސީ އެއް އުޞޫލު ކަމުގައިވާ ހެކީގެ އުޞޫލު ތަފްޞީލުކޮށް ޤާނޫނުގައި ބަޔާންކޮށް، ކަނޑައަޅައިދިނުން ހިމެނެއެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމާއި ގުޅިގެން ހެއްކާބެހޭ ޤާނޫނު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 6 މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. އަދި، މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ހެއްކާބެހޭ ޤާނޫނާއި، އަންހެނުންގެ ހެކިބަހުގެ ޤާނޫނު އުވިގެން ދާނެއެވެ.

ހެއްކާބެހޭ ބިލުގެ 136 ވަނަ މާއްދާގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުވާ ހާލަތްތައް ބަޔާން ކޮށްފައިވާ އަކުރު އިސްލާހު ކުރުމަށް ގޮވާލާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން، އެމްޖޭއޭއިން އިސްނަގައިގެން ފެށި "މަސްދަރު ހިމާޔަތް ކުރާނަން" ހަރަކާތުގެ ދަށުން 158 ނޫސްވެރިން ވަނީ އެޕެޓިޝަންގައި ސޮއިކޮށްފައެވެ.

ނޫސްވެރިން ވަނީ ރައްޔިތުންގެ މަޖިލީހުންނާއި އެޓާނީ ޖެނެރަލްގެ އޮފީހުން ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހައި ދެވަނަ ވިސްނުމަކަށް ގޮސް ބިލު އިސްލާހުކުރަން ގޮވާލާފައެވެ.

ރާއްޖޭގައި ހެއްކާބެހޭ އައު ޤާނޫނެއް ހަދައި އިއްޔެ ޢަމަލުކުރަން ފަށާފައިވާއިރު، ރާއްޖޭގައި އެންމެފުރަތަމަ ހަދައި ޢަމަލު ކުރަމުން އައި ހެއްކާބެހޭ ޤާނޫ (ޤާނޫނު ނަންބަރު: 24/76) އަކީ 1976 ވަނަ އަހަރު ޢަމަލުކުރަންފެށި 7 މާއްދާގެ މައްޗަށް އެކުލެވޭ ކުރު ޤާނޫނެކެވެ. އަދި އޭގެ ކުރިން 1972 ވަނަ އަހަރު އަންހެނުންގެ ހެކިބަހުގެ ޤާނޫނެއް (ޤާނޫނު ނަންބަރު: 14/72) ވަނީ ހަދައި ޢަމަލު ކުރަންފަށާފައެވެ. އިއްޔެ ތަސްދީދުކޮށް ޢަމަލުކުރަންފެށި ހެއްކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު:11/22)އާއިއެކު އިސްވެދެންނެވުނު ދެ ޤާނޫނު ވަނީ އުވިގެން ގޮސްފައެވެ.