ކުޅުދުއްފުށި ސިޓީގައި 400 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް މިއަދު ޙަވާލު ކޮށްފިއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ޕްލޭނިންގ މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ ޓްވެންޓީ ތާޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގުރޫޕް ކޯ ލިމިޓެޑާއެވެ.
ކުޅުދުއްފުށި ސިޓީގައި 400 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ޙަވާލު ކުރުމަށް ސަރުކާރުގެ ފަރާތުން ޕްލޭނިންގ މިނިސްޓްރީން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓާ ޖެނަރަލް އަހްމަދު ވިޝާން ނަސީމެވެ. ދޮންބޭޒްއާއި ޓްވެންޓީ ތާޑް މެޓާލާޖިކަލްގެ ފަރާތުން ސޮއި ކުރެއްވީ ދޮންބޭޒްގެ ހެޑް އޮފް އޮޮޕަރޭޝަންސް އަލީ ހަމްދޫނެވެ.
މި ޕްރޮޖެކްޓުގެ ދަށުން ކުޅުދުއްފުށި ސިޓީގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި 1،000 އަކަފޫޓް ހުންނާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރިއާއި ތިން ފާހާނާގެ އިތުރުން ސިޓިންރޫމާއި ބަދިގެއާއި ކާގެ އަދި ލޯންޑަރީ އާއި ގުދަނެއްވެސް ހިމެނެ އެވެ.
މިމަޝްރޫއު ނިންމުމަށް އެ ކުންފުންޏަށް ދީފައިވަނީ 540 ދުވަހެވެ. މި މަޝްރޫއުގެ ޖުމުލަ އަގަކީ 439.99 މިލިއަން ރުފިޔާއެވެ.
މިކަމާއި ގުޅިގެން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ،މިއަދަކީ ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނަށްް އުފާވެރި ދުވަހެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް އިޖްތިމާއީ މައްސަލަ، ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ހޯއްދަވައި ދެއްވުމަށް ރައީސް ޞާލިޙް ބަހައްޓަވާ އަހަމިއްޔަތަށް ޝުކުރު ދަންނަވަން" ޔާސިރު ވިދާޅުވެފައިވެއެވެ.
ކުޅުދުއްފުށީގައި ބޯހިޔާވަހިކަމުގެ ފުރުސަތުތައް އިތުރުކޮށް އެކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރުމަކީ ސިޓީ ކައުންސިލްގެ ވެސް މުހިންމު އަމާޒެކެވެ. އަދި އެކަމަށްޓަކައި ސިޓީ ކައުންސިލުން ވެސް މިހާތަނަށް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!