އެސްޓީއޯގެ ފިހާރަތަކުގައި ގަނޑުކުރި މަސް ފަދަ ތަކެތި ވިއްކަން އަމިއްލަ ފަރާތްތަކަށް ހުޅުވާލައިފި އެވެ.
އެސްޓީއޯ އިން ބުނީ އެ ކުންފުނިން ހިންގާ ފިހާރަތަކުގައި ގަނޑުކުރި މަހާއި ތަރުކާރީ އަދި އެހެނިހެން އެ ފަދަ މުދާ ވިއްކާނެ ފަރާތްތައް ކަނޑައެޅުމަށް ފަހު، އެ ކުންފުނިން އަމިއްލަ އަށް އެ ފަދަ ތަކެތި ގެނެސް ވިއްކުން ހުއްޓާލާނެ ކަމަށެވެ.
އެސްޓީއޯ މާލެ އަދި ހުޅުމާލޭގެ ސުޕަމާޓްތަކުގައި ހުރި ފްރީޒަރުތަކަށް މުދާ ފޯރުކޮށް ދީ، ބަލަހައްޓައިދޭނެ ފަރާތްތައް ހޯދުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ. މިފަދަ ވިޔަފާރި ކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކާއި މި ކަމަށް ޝައުގުވެރިިވާ ފަރާތްތަކަށް އަންނަ މަހުގެ ހަތަރު ވަނަ ދުވަހު މައުލޫމާތު ދިނުން އޮންނާނެ ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.
އެސްޓީއޯ އިން މީގެ ކުރިން ވަނީ މާލެ އަދި ހުޅުމާލޭ ސުޕަމާޓުގައި ތަރުކާރީ އާއި މޭވާ ވިއްކަން ބަހައްޓަން ރެކްތަކެއް ކުއްޔަށް ދޭން އިއުލާނުކޮށްފަ އެވެ. އަދި މިހާރު ވަނީ އަމިއްލަ ފަރާތަކަށް މި މަސައްކަތް ހަވާލުކޮށްފަ އެވެ.
އެސްޓީއޯ އިން ބުނީ މިފަދަ ރީޓެއިލް ވިޔަފާރިތައް އަމިއްލަ ފަރާތްތަކަށް ދޫކުރުމުން އެސްޓީއޯ އާއި އަމިއްލަ ފަރާތްތަކަށް ވެސް މިހާރަށް ވުރެ ބޮޑު ފައިދާއެއް ލިބޭނެ ކަމަށާއި މިއީ ރީޓެއިލް ވިޔަފާރިއާ ދުރަށް ދިއުމުގެ ގޮތުން ފަށާކަމެއްކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!