ހަމަކަށަވަރުން ﷲ ތަބާރަކަ ވަތަޢާލާ ވަނީ އަންހެނުންނާއި ފިރިހެނުން ހައްދަވާފައެވެ. އެ އިލާހު ވަޙީ ކުރައްވަނީ وَأَنَّهُ خَلَقَ الزَّوْجَيْنِ الذَّكَرَ وَالْأُنثَىٰ ‎﴿النجم: ٤٥﴾‏

މާނަ: “އަދި ހަމަކަށަވަރުން އެއިލާހު ވަނީ ދެޖިންސު ޚަލްޤު ކުރައްވާފައެވެ. އެއީ އަންހެން ޖިންސާއި ފިރިހެން ޖިންސެވެ.”

Ad
rt

އަދި އެއިލާހު ވަނީ މިދެބައިމީހުން ކިބައިގައި އެއްބަޔަކު އަނެއް ބަޔަކަށް ޝަހުވަތްތެރިކަން ލައްވާފައެވެ. އިންސާނާގެ ފިޠުރަތުގައި އަނެއް ޖިންސަށް ލެނބުމުގެ ޝަހުވަތް ލެއްވުމާއެކީ އެއިލާހު ނިންމަވާލެއްވީއެއް ނޫނެވެ. ހުއްދަ މަގުން މި ޝަހުވަތްތެރިކަން ފުއްދޭނެ މަގުވެސް އެއިލާހު ވަނީ އަންގަވައިދެއްވާފައެވެ. އެއީ ކައިވެނީގެ ޒަރީޢާއިންނެވެ. ކައިވެނިކުރުން އަވަސް ކުރުމަށް މިދީން ބާރު އަޅަނީވެސް މިކަމުގެ ފިތުނަވެރިކަން ބޮޑުވީމައެވެ. ޝަހުވަތްތެރިކަން އެންމެ ވަރުގަދަވާ ދުވަސްވަރަކީ ޒުވާން ދުވަސްވަރު ކަމުން ސީދާ ޒުވާނުންނާ މުޚާޠަބު ކުރައްވަމުން މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.

((يَا مَعْشَرَ الشَّبَابِ مَنْ اسْتَطَاعَ منكُم الْبَاءَةَ فَلْيَتَزَوَّجْ ، فَإِنَّهُ أَغَضُّ لِلْبَصَرِ ، وَأَحْصَنُ لِلْفَرْجِ ، وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ فَإِنَّهُ لَهُ وِجَاءٌ)). [البخاري (5066) ومسلم (1400) متفق عليه].

މާނަ: “އެންމެހާ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކައިވެނިކުރުމަށް ކުޅަދާނަ ވެގެންވާ މީހުން ކައިވެނި ކުރާހުށިކަމެވެ. ހަމަކަށަވަރުން އެކަމަކީ ލޮލަށް ހުރި ފިނިކަމެކެވެ. އަދި އެކަމަކީ ލަދުވެތި ގުނަވަނަށް ލިއްބައިދޭ، ރައްކާތެރިކަމެކެވެ. އެކަމަށް ކުޅަދާނަ ވެގެން ނުވާމީހާ ރޯދަ ހިފާހުށިކަމެވެ. ހަމަކަށަވަރުން ރޯދައިގައި ރައްކާތެރިކަމެއް ވެއެވެ.”

(މުއްތަފަޤުން ޢަލައިހި، ބުޚާރީ ޙަދީޘް ނަންބަރު 5066، މުސްލިމް ޙަދީޘް ނަންބަރު، 1400)

އިސްލާމީ ޝަރީޢަތުގައި ކަންކަން ތަރުތީބު ކުރެވިފައި ވަނީ މިހާވެސް ފުރިހަމަކޮށެވެ. މިއީ ފިޠުރަތުގެ ދީނުން އިންސާނާގެ ފިޠުރަތާ އެއްގޮތަށް ގެނެސްދީފައިވާ ޙުކުމްތަކެވެ. ނަމަވެސް މިއަދު، ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު، އެއްބަޔަކު ދަނީ މި ފިޠުރަތާ ސީދާ ދެކޮޅު ހަދަމުންނެވެ. މަތީގައި ޒިކުރު ކުރެވުނު އާޔަތުން ވެސް އެއްވެސް ޝައްކެއް ނެތް މިންވަރަށް އެނގޭ ފަދައިން ﷲ ޚަލްޤު ކުރައްވާފައިވަނީ ދެ ޖިންސެވެ.

އެހެނަސް މިހާރު އެތައް ބައިވަރު ޖިންސެއް “އުފައްދައިފިއެވެ.” އަދި މީގެން ކޮންމެ “ޖިންސެއްގެ” ބަޔަކަށް އެބަޔަކު ބޭނުން ޙައްޤުތަކެއް ހޯދުމުގެ މަސައްކަތް ބައިނަލް އަޤުވާމީ ގޮތުން ފަށައިފިއެވެ. ދެން އޮތީ ނުބައި، ފާހިޝް، ބަދުއަޚުލާޤީ ޢަމަލު ތަކުގެ ވާހަކައެވެ. މިބައިމީހުންދަނީ އެއްޖިންސުން ގުޅުން ހިނގުމުގެ ނުބައި ފާފަ މުޅި ދުނިޔެއަށް ފަތުރަން މަސައްކަތް ކުރަމުންނެވެ. އަދި އެކަމަށް ބޮޑެތި ޚަރަދު ތަކެއް ކުރަމުންނެވެ.

މިހިނގާ ހަފުތާގައި ފެތުރިގެން ދިޔަ ޚަބަރަކީ, ކޮމަންވެލްތު ގައުމުތަކުގައި އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރުމަށް 2.7 މިލިއަން ޕައުންޑް ހަދިޔާކުރަން އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމި ޚަބަރެވެ. ކޮންމެއަކަސް ދުނިޔޭގެ “ޖިއޯ-ޕޮލިޓިކްސް” މިހާރު އޮތްގޮތުން ނަމަ، ޤައުމެއްގައި މިފަދަ ކަމެއް ފެތުރުމަށްޓަކައި އެޤައުމެއްގެ މަތީފަޑީގައި މި ކަންކަން ފަތުރައިދޭނޭ ސިޔާސީން ތަކެއް ތިބެން އެބަ ޖެހެއެވެ. ރާއްޖޭގެ މިދެންނެވި “މަތީފަޑީގެ” ސިޔާސީން ތަކެއް ތިބިކަން ހާމަވާ އެއްކަމަކީ، އެފަދަ މަޤާމުތަކެއްގައި ވާ އެތައް ބަޔަކު ބަރަހަނާވެ، މިޢަމަލުތައް ހިނގާ ވީޑިއޯތަކާއި ފޮޓޯތައް މިދުވަސްވަރު ލީކުވަމުންދާތީއެވެ. އިސްލާމީ ނޫރުން ހިދާޔަތް ލިބިފައިވާ ދިވެހި ރައްޔިތުން މިއަދު ތިބީ ފަކުރުން ހޮޑުލަވައިފައެވެ.

މި މުޖުތަމަޢުގައި އާންމުނެގެ ތެރޭގައި މިކަން ކޮންމެވެސް ވަރަކަށް އޮތްކަން އެންމެންނަށްވެސް އެނގެއެވެ. ނަމަވެސް ޕޮލިސީ ލެވެލްގެ އިސް ސިޔާސީންތަކެއް މިފަދަ ޢަލަމުތަކެއް ކުރާކަން މީގެ ކުރިން ތިލަވެފައެއް ނުވެއެވެ. މިއީ ޤައުމު ހިނގުމުގެ މަސައްކަތް ކޮނޑުގައި އަޅައިގެންނޭ ކިޔާފައި ސިޔާސީ މައިދާނަށް ނުކުމެ ތިބި، ރައްޔިތުންނަށް ނަމޫނާ ދައްކަން ޖެހޭ ފަރާތްތަކެވެ.

މިއަދު ފަކުރުން ހޮޑުލަވައިގެން އޯކާ ދެމޭ ޙާލުގައި އަޅުގަނޑުމެން މިޤައުގެ މުސްލިމުން ކުރާ ސުވާލަކީ ލޫޠު ގެފާނު އެކަލޭގެފާނުގެ ޤައުމުގައި މި ނުބައި ޢަމަލު ހިނގަމުން ދިޔަ މީހުންނާ ވެސް ކުރެއްވި ސުވާލެވެ.

“ތިޔަބައިމީހުންގެ ތެރޭގައި ހޭޖެހޭ ފިރިހެނަކު ނުވަނީހެއްޔެވެ؟”.

މާތް ﷲ ހޫދު ސޫރަތުގައި ވަޙީ ކުރައްވާފައި ވެއެވެ. ﴿وَجَاءَهُ قَوْمُهُ يُهْرَعُونَ إِلَيْهِ وَمِن قَبْلُ كَانُوا يَعْمَلُونَ السَّيِّئَاتِ ۚ قَالَ يَا قَوْمِ هَـٰؤُلَاءِ بَنَاتِي هُنَّ أَطْهَرُ لَكُمْ ۖ فَاتَّقُوا اللَّهَ وَلَا تُخْزُونِ فِي ضَيْفِي ۖ أَلَيْسَ مِنكُمْ رَجُلٌ رَّشِيدٌ) (سورة هود: 78)

މާނަ: “އަދި އެކަލޭގެފާނުގެ ގައުމުގެ މީހުން އެކަލޭގެފާނުގެ އަރިހަށް އަވަސް އަވަހަށް އައެވެ. ކުރިން އެބައިމީހުންނަކީ، ނުބައި (ފާހިޝް) ކަންތައްތައް ކޮށްއުޅުނު މީހުންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: އޭ އަހަރެންގެ ގައުމުގެ މީހުންނޭވެ! މިތިބީ އަހަރެންގެ (އެބަހީ: ގައުމުގެ) އަންހެން ދަރިންނެވެ. (ތިޔަބައިމީހުން ޝަރުއީ ގޮތުން އެކަނބަލުންނާ ކާވެނިކުރާނަމަ) އެކަނބަލުން ތިޔަބައިމީހުންނަށްޓަކައި ސާފުކަން ބޮޑެވެ. ފަހެ، ތިޔަބައިމީހުން، ﷲ އަށް ތަގުވާވެރިވާށެވެ! އަދި ތިމަންކަލޭގެފާނުގެ މެހުމާނުންގެ ކުރިމަތީގައި، ތިމަންކަލޭގެފާނު ލަދުވެތި ނުކުރާށެވެ! ތިޔަބައިމީހުންގެ ތެރޭގައި ހޭޖެހޭ ފިރިހެނަކު ނުވަނީހެއްޔެވެ؟”

އަޅުގަނޑުމެންގެ ވެސް ހިތައް އަރަނީ މިފަދަ ވާހަކަތަކެކެވެ. މިއީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްކަން ތިޔަ ފަރާތްކަށް ނޭނގެނީ ހެއްޔެވެ؟ ތިޔަ ތިބީ މި ސައްތައިން ސައްތަ އިސްލާމީ ޤައުމުގެ ޕޮލިސީ ލެވެލްގައި ކަން ނޭނގެނީ ހެއްޔެވެ؟ މިއީ ކިހާ ބޮޑު ފާފައެއްކަން ހަމަ ނޭނގެނީ ހެއްޔެވެ؟ މުރޫޢަތްތެރިކަމެއް، ރިވެތި އަޚުލާޤުގެ މިންވަރެއްވެސް ތިޔަ އިންސާނުންގެ ކިބައިގައި ނެތީ ހެއްޔެވެ؟

މާތް ﷲ ފިރިހެނުންނަށްޓަކައި ޚަލްޤު ކުރައްވާފައިވާ އަންހެނުން ދޫކޮށް ފިރިހެނުން ގާތަށް ތިޔަ ދަނީ އަޅެފަހެ ތިޔަބައިމީހުންގެ ތެރޭގައި ހޭޖެހޭ ފިރިހެނަކު ނުވަނީހެއްޔެވެ؟