ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރުފަތުރުގެ ނިޒާމު "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް"ގެ ދަށުން "ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތް ހއ. އަތޮޅުގައި އަންނަ ހޮނިހިރު ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.

މި މަހުގެ 25 ވާ ހޮނިހިރު ދުވަހުން ފެށިގެން ތިލަ އުތުރުގައި އާރުޓީއެލް ހައި ސްޕީޑު ފެރީ ދަތުރުތައް ފަށާ އިރު މި މަސް ނިމެންދެން ފެރީ ތަކުގައި މުޅިން ހިލޭ ދަތުރު ކުރެވޭނެއެވެ.

Ad
rt

މި މަހުގެ ފަންސަވީހުން ފެށިގެން ހަފްތާގެ ކޮންމެ ދުވަހަކު އާރުޓީއެލް ފެރީގެ ދަތުރުތައް ހއ އަތޮޅުގެ ހުރިހާ ރަށަކަށް ފަށާއިރު މި ދަތުރުތަކުގެ ޒަރީޢާއިން ހއ. އަތޮޅާއި ހދ. އަތޮޅު ވެސް ގުޅިގެން ދާނެއެވެ.

ހޮނިހިރު ދުވަހު ހއ އަތޮޅުގައި ފެރީގެ ޚިދުމަތް ފަށާއިރު ކޮންމެ ރަށަކަށް ހިލޭ 10 ޖާގަ ވަނީ ދީފައެވެ. ގިނަ ރަށްރަށުގައި އެންމެ ފުރަތަމަ ނަންނޯޓު ކުރާ 10 ފަރާތަށް ޖާގަ ތައް ދޫކުރަން ނިންމާފައި ވާއިރު ބައެއް ރަށްރަށުގައި ބޮޑެތި މުހުތާދު ތަކުގައި ދަތުރު ކުރާ ފަރާތްތަކަށް އިސްކަންދިނުމަށް ނިންމާފައި ވެއެވެ.

ހއ. އަތޮޅުގައި މި މަހުގެ 25 ގައި ދަތުރުތައް ފެށި ނަމަވެސް ދަތުރުތަކުގެ އަގުތައް އަދި ޢާއްމު ކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރު ފަތުރުގެ ނިޒާމް "އިންޓަގްރޭޓެޑް ނެޝެނަލް ޕަބްލިކް ފެރީ ނެޓްވޯކް" ގެ ދަށުން "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް)ގެ ދަތުރުތައް ހދ. އަތޮޅުގެ ރަށްތަކަށްވެސް މި މަހުގެ 11 ވަނަ ދުވަހު ވަނީ ފަށާފައެވެ.

ހދ އަތޮޅު"ގައިވެސް މި މަހުގެ ނިޔަލަށް މުޅިން ހިލޭ ދަތުރު ކުރެވޭއިރު އާރުޓީއެލް" އެޕް މެދުވެރިކޮށް ދަތުރުތަކަށް ޓިކެޓް ނެގޭނެ އެވެ. އޭގެ އިތުރުން ވެބް ޕޯޓަލްކޮށް ވެސް އަދި ފެރީން ވެސް ޓިކެޓް ނެގޭނެ އެވެ.

ތިން ފޭސްއަކަށް ބަހާލައިގެން އިފްތިތާހު ކުރާ ފެރީ ނެޓްވޯކްގެ ދަށުން އެމްޓީސީސީން ފެރީގެ ހިދުމަތް ދޭން ބޭނުންކުރަނީ 50 މީހުންގެ ލޯންޗުތަކެކެވެ. އަދި ވީލް ޗެއާ ބޭނުންކުރާ މީހުންނަށް ވެސް އެ ލޯންޗުގައި ފަސޭހައިން ދަތުރުކުރެވެއެވެ.

ހދ. އަތޮޅުގެ އެކި ރަށްރަށަށް އާރުޓީއެލް މެދުވެރިކޮށް ކުރާ ދެކޮޅު ދަތުރުތަކުގެ އަގުތައް އުޅެނީ ކޮޅަކަށް 35 ރުފިޔާއާއި 100 ރުފިޔާއާ ދެމެދު އެވެ. އަދި ތިން އަަހަރުން ދަށުގެ ކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާާ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ އެވެ.

އާރްޓީއެލްގެ ޕެސެންޖާ ފެރީ ގުޅާލެވިގެންދަނީ ތަފާތު ތިން ގޮތަކަށެވެ. އެއީ ކޮމިއުޓް ލިންކް، ނޮން ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކެވެ. ކޮމިއުޓް ލިންކަކީ ކައިރި ރަށްތައް ގުޅުވައިދޭ ކުރު ދަތުރުތަކަށް ހާއްސަ ލިންކެވެ. ނޮން ކޮމިޓް ލިންކަކީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ހަމަޖައްސާފައިވާ ލިންކެވެ. ހައިވޭ ލިންކަކީ އެއް ރީޖަންގެ ދަތުރުފަތުރުގެ ހަބް އާއި އަނެއް ރީޖަންގެ ދަތުރުފަތުރުގެ ހަބް ގުޅުވައިދޭ ލިންކެވެ.

އާރުޓީއެލް ހައި ސްޕީޑު ފެރީ ނެޓްވޯކަކީ ލާމަރުކަޒީ ތަރައްގީގެ މައިބަދައިގެ ގޮތުގައި ސަރުކާރުން ސިފަ ކޮށްފައި ވެއެވެ.