ތިލަދުންމަތީ އުތުރުބުރީ ކެލާ ރަމްޒުކޮށްދޭ މޮނިއުމަންޓު ފަރުމާ ކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު ކެލާ ކައުންސިލުން ހުޅުވާލައިފިއެވެ.

މިކަމާއި ގުޅިގެން މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވަނީ، މޮނިއުމެންޓް ފަރުމާ ކުރުމުގައި ވިސްނަންވީ ކަންކަމުގެ މަޢުލޫމާތު ވަރަށް ތަފްސީލްކޮށް ހިމަނާފައެވެ.

Ad
rt

މިގޮތުން ހުށަހަޅާ ޑިޒައިން އޮރިޖިނަލް ޑިޒައިނަކަށް ވާނެ ޖެހޭނެކަމަށާއި، މޮނިއުމެންޓެއްގެ ކޮޕީއަކަށް ނުވަތަ މޮނިއުމެންޓެއްގެ ބައެއްގެ ކޮޕީއެއް ހިމަނައިގެން ނުވާނެ ކަމަށާއި އަދި މީގެކުރިން އެހެން ފަރާތަކަށް ކޮށްދީފައިވާ ޑިޒައިންއެއް ނުވަތަ އެހެން ފަރާތަކަށް ހުށަހަޅާފައި ޑިޒައިނަކަށް ވެގެންނުވާނެ ކަމުގައި އެ ކައުންސިލުން ހާމަކުރައްވައެވެ.

ޑިޒައިން ހުށަހަޅާއިރު މޮނިއުމެންޓް އެކި އޭންގަލް ތަކުން ފެންނާނޭގޮތް ހުށަހަޅަންވާނެ ކަމަށާއި މޮނިއުމެންޓް ޑިޒައިން ރޭގަނޑު ވެސް ފާޅުވާނެ ކަހަލަ ޑިޒައިނަކަށް ވާންވާނެ ކަމުގައި އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

ހުށައަޅާ ޑިޒައިން ސިމެންތިން ނުވަތަ އެނޫންވެސް މައުދަނަކުން ބިނާކުރެވޭނެ ކަހަލަ ޑިޒައިނަކަށް ވާންވާނެ ކަމަށާއި މޮނިއުމެންޓް ޑިޒައިންކުރާއިރު، މޮނިއުމެންޓްގެ ވަކި ވަކި ބައިތައް ބިނާކުރާނެ މައުދަންތައް ވަކިވަކިން ތަފްސީލްކޮށް ބަޔާންކުރަންވާނެ ކަމުގައި އެ ކައުންސިލުން ވަނީ ހާމަ ކޮށްފައެވެ.

ހުށަހަޅާ މޮނިއުމެންޓުން ކެލާ ރަމްޒު ކޮށްދޭން ވާނެ ކަމަށާއި، ކެލައަށް ޚާއްޞަ ކަމެއް ނުވަތަ ކަންތައްތަކެއް ނުވަތަ ރަށުގެ ސަގާފަތެއް ނުވަތަ ރަށުގެ މަސައްކަތްތެރިކަން ތަޞައްވުރު ކޮށްދޭންވާނެ ކަމުގައި އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

އެ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ ޑިޒައިންގެ އަސްލު (ކޮމްޕޮޒިޝަން އާއި ކޮންސެޕްޓް) ނުގެއްލޭނެ ގޮތަށް، ޑިޒައިންއަށް މައިނަރ ޗޭންޖެއް ގެނައުމަށް އެއްވަނައަށް ހޮވޭ ޑިޒައިންއެއް ހުށަހަޅާ ފަރާތަށް ކައުންސިލަށް އެދެވިދާނެ ކަމަށާއި މިފަދައިން ގެނެސް ދިނުމަށް އެދޭ ބަދަލެއް ޑިޒައިން ހުށަހެޅި ފަރާތުން އިތުރު އަގަކާއި ނުލާ ގެނެސްދެއްވަން ވާނެ ކަމަށެވެ.

ހުށަހަޅާ މޮނިއުމެންޓު ޑިޒައިންގެ ތެރެއިން އެ ކައުންސިލްގައި ބޭނުންކުރުމަށް ހޮވޭ މޮނިއުމެންޓު ޑިޒައިން ހުށަހަޅުއްވާ ފަރާތަކަށް -/5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކެލާ ރަމްޒުކޮށްދޭ މޮނިއުމެންޓް ފަރުމާކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 20 ޖުލައި 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ފަރުމާކޮށްފައިވާ މޮނިއުމެންޓުގެ ޑިޒައިންގެ ސޮފްޓްކޮޕީ ފޮނުއްވާނީ އެ އިދާރާގެ މެއިލް އެޑްރެސްއަށް މެއިލް ކުރެއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

މެއިލް އެޑްރެސް: info@kela.gov.mv