އިޤުތިޞާދީ އަދި ސިނާއީ މަސައްކަތްތައް ކުރުމަށް، ހދ. ހިރިނައިދޫ، ނެއްލައިދޫގެ ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް ނެއްލައިދޫ ކައުންސިލުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ހުށަހަޅުއްވައިފިއެވެ.
އެކައުންސިލުން މިފަދައިން އެދިފައިވަނީ މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ބައްދަލުވުމުގަ އެވެ. މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދާއި، ނެއްލައިދޫ ކައުންސިލް މެމްބަރުންނާއި ނެއްލައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ސީދާ ކައުންސިލްތަކާއި ބައްދަލުކޮށް، މަޝްވަރާކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި، ނެއްލައިދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން މިއަހަރު ކޮށްދެވެން ހުރި ކަންކަމަކީ ކޮބައިތޯ ބައްލަވައި އެކަމާއި ގުޅޭ މުއްސަސާތަކަށް ހުށައަޅުއްވާނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ސްކޫލްގެ ޖާގައިގެ ދަތިކަން ޙައްލު ކުރުމަށާއި، ކައުންސިލްގެ އައު ޢިމާރާތެއް އެޅުމާއި ގުޅޭ މަސައްކަތްތައްވެސް ކަމާބެހޭ މުއައްސަސާތަކާއި ވާހަކަ ދައްކަވައިގެން ކުރިޔަށް ގެންދަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
މިބައްދަލު ކުރެއްވުމުގައި ނެއްލައިދޫ ކައުންސިލުން ވަނީ، ސަރުކާރުން އުތުރުގެ އަތޮޅުތަކުގައި ޤާއިމްކުރި ހައި ސްޕީޑް ފެރީގެ ޚިދުމަތާއި އެކު ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. މިގޮތުން މިހާރު ލިބޭ ފެރީގެ ޚިދުމަތަކީ ފެންވަރު ރަނގަޅު އަދި ރައްޔިތުން ބަލައިގެންފައިވާ ޚިދުމަތެއްކަން ވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައްޔިތުންނަށް ދަތިވެފައިވާ ކަންކަމުގެ ތެރެއިން ރަށުގެ މަގުތައް ލެވެލްކުރުމާއި، ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމާއި، ރައްކާތެރިގޮތުގައި ކުނިނައްތާލުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ކައުންސިލުން ހުށައެޅުއްވިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ މި ދައުރުގައި މީގެ ކުރިން ދުވަހަކުވެސް ނެއްލައިދޫއަށް އައިސްފައި ނުވާފަދަ ތަރައްޤީ އާއި ކުރިއެރުން ލިބިފައިވާކަން ކައުންސިލުން ފާހަގަކުރައްވާފައިވެއެވެ. އަދި 2019 ވަނަ އަހަރު ރައީސް އާއި އެކު ނެއްލައިދޫ ކައުންސިލުން ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ހުށައެޅުއްވި ކަންކަން މިހާރު އެކި މަރުޙަލާތަކުގައި ހިނގަމުންދާކަން ކައުންސިލުން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. ޚާއްޞަކޮށް ރަށުގެ ބަނދަރު ތަރައްޤީކުރެވި، ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތް ކުރިޔަށްދާކަމާއި، ޒަމާނީ ޓަރފް ދަނޑެއް އެޅިފައިވާއިރު އިންޖީނުގޭގެ މަސައްކަތް ހިނގަމުންދާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!