ރާއްޖެ ބަނގުރޫޓު ވެދާނެކަމަށް ދެކެވޭ ވާހަކަތަކަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްދު ދެއްވައިފި އެވެ.

ރާއްޖޭގެ ރަސްމީ ރިޒާވް ހުސްވެ، ޑިފޯލްޓް ވެދާނެ ކަމަށް ދެއްކެވޭ ވާހަކަތަކަށް ރައްދު ދެއްވައި، މިނިސްޓަރ އަމީރު ކުރެއްވި ދިގު ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ރިޒާވް ހުސްވެ، ޑިފޯލްޓް ވެދާނެކަށް ދެކެވޭ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށެވެ.

Ad
rt

މިފަދަ ވާހަކަތަކަކީ ރައްޔިތުން އަދި ބޭރުގެ އިންވެސްޓަރުންނަށް ހަޤީޤަތް އޮޅޭގޮތައް ދެއްކުމުން، ދުނިޔެ މިއޮތް ނާޒުކު ދަނޑިވަޅުގައި މުޅި ރާއްޖެއަށް އޭގެ ސަބަބުން ލިބެން ނުޖެހޭ ގެއްލުންތަކެއް ވެދާނެ ކަމެއްކަމަށާއި އިޤްތިސާދުގައި ނުތަނަވަސްތަކަން އިތުރުވެ، މާކެޓަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމެެއްކަމަށެވެ.

މީގެ އިތުރުން، އިތުރުވަމުން އަންނަ ޑޮލަރުގެ އާމްދަނީއާއެކު ރަސްމީ ރިޒާވް މި އަހަރު ނިމޭއިރު ޕްރީ-ކޮވިޑް ލެވެލްގައި ދެމެހެއްޓޭނެކަމަށާއި ރާއްޖެއަށް ދަރަނި އަނބުރާ ދެއްކުމުގައި ކުރުމުއްދަތުގެ ގޮންޖެހުންތަކެއް ނެތްކަން ފާހަކުރެއްވި އެވެ. އަދި ދަރަނި ދެއްކުމުގެ ޤާބިލުކަން އެބަހުރިކަމަށާއި މި އަހަރު ރިޒާވް ހުންނާނީ ރަނގަޅު މިންވަރެއްގައި ކަން މިނިސްޓަރުގެ ޓުވީޓުގައި ފާހަގަ ކުރެއްވި އެވެ.

"ކުރިއާ އަޅައިބަލާއިރު ރާއްޖޭގެ ގްރޮސް އަދި ނެޓް ރިޒާވް ވެސް ހުރީ މަތީ މިންވަރެއްގައި. މި މިންގަނޑުތަކުގައި ދެމެހެއްޓުމަށް ބޭރު ފައިސާގެ އިންފްލޯ އަދި އައުޓްފްލޯ ދަނީ ގާތުން ބަލަމުން. ދިމާވާ ގޮން ޖެހުންތަކަށް ފިޔަވަޅު އަޅަމުން. މި އަހަރު ރިޒާވް ހުންނާނީ ދުޅަހެޔޮކޮށް."

އަމީރުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދު ދަނީ ހަލުވިކަމާއެކު ކުރިއަރަމުންކަމަށާއި މި އަހަރު ނިމޭއިރު ކޮވިޑް-19ގެ ކުރީގެ އިޤްތިސާދުގެ ސައިޒަށް ރުޖޫޢަވެވޭނެކަމަށެވެ. މިއީ ފިސްކަލް ހާލަތަށް ބަލައި ކޮވިޑް-19ގެ ސިއްޙީ އަދި އިޤްތިސާދީ ކްރައިސިސް މެނޭޖްކުރުމާއި، ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރީގެ ވިލުންވެރިކަމުގެ ނަތީޖާ ކަމަށް ވިދާޅުވި އެވެ.

ދުނިޔޭގެ އިޤްތިސާދަށް އަންނަ ނުތަނަވަސްވުންތަކާއި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ދިއުމުގެ އަސަރު ރާއްޖެއަށްވެސް ކުރާނެކަމަށާއި މިފަދަ ރިސްކުތަކުން އަރައިގަނެވޭނީ ރަނގަޅު ދަނޑިވަޅުގައި އެކަށީގެންވާ ފިޔަވަޅުތައް އަޅައިގެންކަމުން ސަރުކާރުން ދަނީ ހާލަތު މޮނިޓަރކޮށް ފިޔަވަޅު އަޅަމުންކަން ފާހަގަ ކުރެއްވި އެވެ.

"ދައުލަތުގެ އާމްދަނީވެސް ވަނީ ރަނގަޅުވެފައިވީ ނަމަވެސް، ދައުލަތުގެ ޚަރަދުތަކަށް ވަނީ ވާންވެފައި."

މިނިސްޓަރ ގެ ދިގު ޓުވީޓޫގައި ފާހަގަ ކޮށްފައިވެއެވެ.

ސަރުކާރުގެ ވިސްނުމަކީ ޚިދުމަތްތަކަށް ބުރޫ ނާރާނޭހެން ޚަރަދުތައް އަލުން ބައްޓަންކޮށް ބަޖެޓު ފައިނޭންސްކުރުންކަމަށާއި އަދި މެދުރާސްތާގައި ރަނގަޅު ފިސްކަލް މިސްރާބެއްގައި ސާބިތުވުންކަމަށް ވިދާޅުވި އެވެ.

ތަކެތީގެ އަގު މައްޗަށް ދިއުމުގެ ސަބަބުން، ޚާއްސަކޮށް ތެލުގެ އަގުގު ސަބަބުން، ކަރަންޓާއި ތެލުގެ ސަބްސިޑީވަނީ އިތުރުވެފައިކަމަށާއި ރިޒާވް އިމްޕެކްޓް ކުޑަކުރުމަށްޓަކައި އައިޓީއެފްސީގެ ޓްރޭޑް ފައިނޭންސް ފެސިލިޓީގެ ލިމިޓްވަނީ $175މިލިއަނަށް އިތުރުކޮށްފައިކަމަށް ވިދާޅުވި އެވެ.

މިނިސްޓަރ މިފަދައިން ޓުވީޓު ކުރައްވާފައިމިވަނީ، ރަޝިއާ-ޔުކްރެއިން ހަނގުރާމައިގެ ސަބަބުންނާއި ލޯނު ހޯދުމުގެ ދަތިކަން ބޮޑުވަމުގެ ސަބަބުން އިގްތިސާދީ މައްސަލަތަކުގެ ތެރޭގައި ރިޒާވް މަދުވެ، ލޯނު ނުދެއްކިދާނެ ކަމުގެ ބިރު އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް އެމެރިކާގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކް، ޖޭޕީ މޯގަން މިދިޔަ ހަފުތާގައި ބުނުމާ އެކު، އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް ގިނަވެފައިވާ ދަނޑިވަޅެއްގަ އެވެ. އަދި އަންނަ މަހު ދައުލަތުގެ ރިޒާވް ނުރައްކާވާ މިންވަރަށް ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުވެސް ވިދާޅުވެފައިވަނިކޮންނެވެ.