މަގުތަކުގައި އެކަމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުތަކުގައި ގަސްއިންދުމަށް ނަގަންޖެހޭ ހުއްދަ ނަގައިގެން އިންދާ ގަސްތަކަށް ގެއްލުންދޭ ފަރާތްތަކުގެ މައްސަލަ ކުރިއަށް އޮތްތަނުގައި ބަލައި އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅުއަޅާނެކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، ކުޅުދުއްފުށި ސިޓީއަކީ ފެހި ސާފު އަދި ހިތްފަސޭހަ ސިޓީއަކަށް ހެދުމުގެ ގޮތުން އެކައުންސިލާއި އެކި މުއައްސަސާތައް އަދި އަމިއްލަ ފަރުދުން އަންނަނީ މަގުތައް އަދި އާންމު ސަރަހައްދުތަކުގައި ގަސް އިންދުމަށް ހާއްސަ ކުރުފެވިފައިވާ ތަންތަނުގައި ކައުންސިލްގެ ހުއްދައާއެކު ގަސް އިންދަމުން ކަމަށެވެ.

Ad
rt

މިގޮތަށް އިންދާ ގަސްތަކަށް ބައެއް ފަރާތްތަކުން ގެއްލުންދޭކަން ފާހަގަކުރެވޭ ކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ. އަދި މިކަމުގެ ޝަކުވާވެސް ކައުންސިލަށް ތަކުރާތުކޮށް ހުށަހެޅޭ ކަމަށް ވެސް ވިދާޅުވިއެވެ.

މިގޮތުން މަގުތަކުގައި އިންދާފައިވާ ގަސްތައް އެކަށީގެންނުވާ ވަރަށް ކޮށުމާއި އޮފި ބުރިކޮށް ގަސް ހެދި ބޮޑުވުމަށް ހުރަސް އެޅުންވެސް މިފަދަ ޢަމަލުތަކުގެ ތެރޭގައި ހިމޭނޭކަމަށް ވެސް އެ ކައުންސިލުން ވަނީ ފާހަގަކުރަށްވާފައެވެ.

"އެހެންކަމުން މަގުތަކުގައި އެކަމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުތަކުގައި ގަސްއިންދުމަށް ނަގަންޖެހޭ ހުއްދަ ނަގައިގެން އިންދާ ގަސްތަކަށް ގެއްލުންދޭ ފަރާތްތަކުގެ މައްސަލަ ކުރިއަށް އޮތްތަނުގައި ބަލައި އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅުއެޅޭނެކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ." ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ މަގުތަކުގައި ހާއްސަ ކުރެވިފައިވާ ތަންތަނުގައި އިންދާފައިވާ ގަހެއް ކޮށަން ބޭނުންވެއްޖެނަމަ އެކަން ކުރުމުގެ ކުރިން އެކައުންސިލްގެ ހުއްދަ ނެގުމަށް ވެސް ނަސޭހަތްތެރިވެފައެވެ.