ދުނިޔޭގެ ދެ ބައްރުގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ފޯރިގަދަ ފައިނަލް މެޗުކަމަށްވާ ފައިނަލިސިމާ 2022 ގައި 3 - 0 ން އިޓަލީ ބަލިކޮށް އާޖެންޓީނާއިން ފައިނަލް ކާމިޔާބުކޮށްފި އެވެ.

ފައިނަލިސިމާ އަކީ ޔޫރަޕުގެ އެންމެ ޝަރަފުވެރި އެއް ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޔޫއެފާ ޔޫރޯގެ ޗެމްޕިއަނުންނާ ދެކުނު އެމެރިކާގެ އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ކޮޕާ އެމެރިކާގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ މެޗެކެވެ. މިފަހަރުގެ ފައިނަލީސިމާގައި ބައްދަލުކުރީ ޔޫރޯ 2020 ގެ
ޗެމްޕިއަން އިޓަލީއާއި ކޮޕާ އެމެރިކާ 2021 ގެ ޗެމްޕިއަން އާޖެންޓީނާ އެވެ. މިމެޗު ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެވެ

Ad
rt

ފައިނަލިސިމާ 2022 އަކީ ޔޫއެފާއާއި ކޮންމެބޯލް ގުޅިގެން ބާއްވާ މުބާރާތެކެވެ. މިމުބާރާތް އެންމެ ފަހުން ކުޅެފައިވަނީ 1993 ވަނަ އަހަރު އެވެ. އެފަހަރުގެ ތަށި ހިއްލާލީ ފައިނަލުގައި ޔޫރަޕުގެ ޗެމްޕިއަންކަން 1992 ވަނަ އަހަރު ހޯދި ޑެންމާކް ބަލިކޮށް 1991 ގެ ކޮޕާ އެމެރިކާގެ ތަށި ހިއްލާލި އާޖެންޓީނާއިންނެވެ. އޭރު މިމުބާރާތަށް ކިޔަނީ އާޓެމިއޯ ފްރާންޗި ކަޕެވެ.

މިމުބާރާތުގެ ފައިނަލާއި ހަމައަށް އިޓަލީން އައިސްފައިވަނީ ޔޫރޯ 2020 ގެ ފައިނަލުގައި އިނގިރޭސި ވިލާތުގެ މައްޗަށް ކުރިހޯދައިގެންނެވެ. އެހެންނަމަވެސް އެއަށްފަހު ވޯލްޑް ކަޕް ކޮލިފިކޭޝަންސްގައި ނޯތް މެސެޑޯނިއާ އަތުން ބަލިވެ އިޓަލީއަށް ވަނީ މިއަހަރު ފަހުކޮޅު އޮންނަ ވޯލްޑް ކަޕުގެ ފުރުސަތު ގެއްލިފަ އެވެ.

މީގެއިތުރުން މިރޭގެ މިމެޗަކީ އިޓަލީގެ ކުޅަދާނަ ޑިފެންޑަރު އަދި އިޓަލީގެ ކެޕްޓަން އުމުރުން 35 އަހަރުގެ ޖޯޖިއޯ ކިއެލީނީ ގައުމީ ޓީމާއެކު ކުޅުނު އެންމެ ފަހު މެޗެވެ. ކިއެލީނީ ވަނީ ޖުމްލަ 117 މެޗު ގައުމީ ޓިމަށް ކުޅެދީފަ އެވެ. އާޖެންޓީނާއަށް މިމެޗު ހާއްސަވީ އެޓީމުން ވަނީ
މިއަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ. އެގައުމުން ވޯލްޑް ކަޕުގެ ތައްޓަށް އަމާޒު ހިފާފައިވާއިރު އެޓީމުން މިފައިނަލީސިމާއާ ހިސާބަށް އައީ 28 އަހަރަށް ފަހު ކޮޕާ އެމެރިކާގެ ތަށި ހިއްލާލުމަށްފަހު އެވެ

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާއިން ވަނީ ދެލަނޑުގެ ލީޑެއް ނަގާފަ އެވެ. މެޗުގެ ފުރަތަމަ ހާފު ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ވެސް އާޖެންޓީނާއިންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމުން ވަނީ ދެލަނޑު ޖަހާ މެޗުގައި ލީޑު ނަގާފަ އެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައިދީ ލީޑު ނަގައިދިނީ 28 ވަނަ މިނެޓުގައި ލައުޓާރޯ މާޓިނޭޒް އެވެ. މިލަނޑަކީ ލިއޮނަލް މެސީގެ އެސިސްޓަކުން މާޓިނޭޒް ކާމިޔާބުކުރި ލަނޑެކެވެ.

އެންހެލް ޑި މާރިއާ ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ 1 ވަނަ މިނެޓުގައި އެޓީމުން ދެވަނަ ލަނޑު ޖަހައިދީ މެޗުގެ ލީޑު ފުޅާކޮށްދީފަ އެވެ. ދެވަނަ ހާފު ފެށުމާއެކު އިޓަލީން މެޗުގައި ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތްކުރި ނަމަވެސް އާޖެންޓީނާގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލެވިފައި ނުވެ އެވެ. އެހެންނަމަވެސް އާޖެންޓީނާއިން ވަނީ ދެވަނަ ހާފު ފެށުނީއްސުރެ އިޓަލީގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ.

ދެވަނަ ހާފު ކުރީކޮޅުންސުރެ އާޖެންޓީނާއިން ނުރައްކާތެރި ހަމަލާތައް ފޮނުވާލި ނަމަވެސް އެ ހަމަލާތަކުގެ ހުރަހަކަށްވީ ޔޫރޯގެ އެންމެ މޮޅު ގޯލްކީޕަރު އިޓަލީގެ ހުނަރުވެރި ޖިއަންލުއިޖީ ދޮންނަރުމާ އެވެ.

ހާއްސަކޮށް ޑި މާރިއާގެ ހަމަލާގެ އިތުރުން މެސީގެ ގިނަ ހަމަލާތަކެއް ފެނިގެންދިޔަ އެވެ. ނަމަވެސް ދޮންނަރުމާ ވަނީ ހުށިޔާރުކަމާއެކު ގިނަ ހަމަލާތަކެއް ދިފާއުކޮށްފަ އެވެ. މުޅި މެޗު އެއްކޮށްހެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އާޖެންޓީނާއިން ކުޅުނުއިރު އެޓީމުން ވަނީ މުޅި މެޗް ޑޮމިނޭޓްކޮށްފަ އެވެ.

އަދި މެޗުގެ ދެވަނަ ހާފުގެ އިތުރުވަގުތުގެ ގޮތުގައި ދެއްކި 4 މިނެޓުގެ ތެރެއިން އެންމެ ފަހު މިނެޓުގައި އާޖެންޓީނާގެ ޑިބާލާ ވަނީ އެޓީމުގެ 3 ވަނަ ލަނޑު ޖަހައިދީފަ އެވެ. ޑިބާލާ އަކީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ކުޅުންތެރިޔެކެވެ.

މުޅި މެޗުގައި އާޖެންޓީނާއިން ޖުމްލަ 17 ހަމަލާ އުފެއްދިއިރު އޭގެތެރެއިން 9 ހަމަލާ ވަނީ ގޯލާ އަމާޒުވެފަ އެވެ. އެހެންނަމަވެސް ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ އިޓަލީ ކީޕަރު ދޮންނަރުމާ އެވެ. އިޓަލީއަށް މެޗުގައި އުފެއްދުނީ އެންމެ 7 ހަމަލާ އެވެ. އޭގެ ތެރެއިން ގޯލާ އަމާޒުވީ 3 ހަމަލާ އެވެ.

މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން މިރޭގެ މޮޅާއެކު އަނެއްކާވެސް މިވަނީ 29 އަހަރު ފަހުން މިމުބާރާތް ކާމިޔާބުކޮށްފަ އެވެ. އިޓަލީން ވޯލްޑް ކަޕަށް ކޮލިފައިނުވިއިރު ފައިނަލީސިމާއިން ވެސް އެޓީމު މިވަނީ ލަދުވެތި ގޮތަކަށް ބަލިވެފަ އެވެ.