ށ. ފުނަދޫ ސްކޫލްގެ 2019 އަދި 2020 ވަނަ އަހަރުގެ ސާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް އެރަަށު ކައުންސިލުންދޭ އިނާމް ފުނަދޫ ސްކޫލާއި ހަވާލުކޮށްފިއެވެ.

ފުނަދޫ ސްކޫލްގެ ދަރިވަރުން ރަނގަޅު ނަތީޖާ ހޯދުމަށް ބާރުއަޅައި، ހިތްވަރު ދިނުމުގެ ގޮތުން ފުނަދޫ ކައުންސިލުން ފުނަދޫ ސްކޫލްގެ ސާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު (ބެސްޓް އޯލްރައުންޑު ސްޓޫޑަންޓް) އަށް ކޮންމެ އަހަރަކު ދެމުން އަންނަނީ ލެޕްޓޮޕެކެވެ.

Ad
rt

މިގޮތުން 2019 އަދި 2020 ވަނަ އަހަރު ފުނަދޫ ސްކޫލްގެ ސާނަވީ ބައިގައި ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުން ގޮތުގައި ހޮވިފައިވާ ދަރިވަރުންނަށް ލެޕްޓޮޕް ހަވާލުކުރުމަށްޓަކައި ފުނަދޫ ކައުންސިލުން އިއްޔެވަނީ އެ ކައުންސިލުންދޭ ލެޕްޓޮޕްތައް ފުނަދޫ ސްކޫލާއި ހަވާލުކޮށްފައެވެ.

ފުނަދޫ ސްކޫލްގެ މިދިޔަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ބާއްވާނީ މިރެއެވެ. މި ރަސްމިއްޔާތުގައި މި އިނާމްތައް ހަވާލުކުރާނެއެވެ.

ފުނަދޫ ސްކޫލްގެ ސާނަވީ ބައިން ހުރިހާ ގޮތަކުން އެންމެމޮޅު ދަރިވަރަށް ހޮވޭ ކުއްޖަކަށް ފުނަދޫ ކައުންސިލުން ދެމުން އަންނަ މި އިނާމަކީ 2012 ވަނަ އަހަރުންފެށިގެން ކޮންމެ އަހަރަކުވެސް ދެމުން އަންނަ އިނާމެކެވެ.

ފުނަދޫ ސްކޫލްގެ ޚިދުމަތަށް މި އަހަރު ވަނީ 50 އަހަރު ފުރިފައެވެ. އެ ސްކޫލަށް 50 އަހަރު ފުރުމާއިގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކަށް ވެސް ފުނަދޫ ކައުންސިލުން ވަނީ އެހީތެރިވާން ނިންމާފައެވެ. މިގޮތުން އެ ސްކޫލަށް 50 ހާސް ރުފިޔާ ހަދިޔާ ކުރަން ވަނީ ނިންމާފައެވެ.

ފުނަދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ކުލަގަދަ ހަފްލާ ޝަރަފްވެރިކޮށް ދިނުމަށް ރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙަށް ވަނީ ދައުވަތު އަރުވާފައެވެ.

ފުނަދޫ ކައުންސިލަކީ ބޮޑުތިލަދުންމަތީގެ ކައުންސިލްތަކުންކުރެ ހިންގުންތެރި ނަމޫނާ މަސައްކަތްތަކެއް ކުރަމުން އަންނަ ކައުންސިލެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އެއް ކައުންސިލެވެ.