ކަނިމީދޫގައި ފަތުރުވެރިކަން ތަރައްގީކުރަން މަސައްކަތްކުރަނީ

Abdulla Riyaz

ތ. ވިލިފުށީގައި އެއާޕޯޓެއް ތަރައްގީ ކުރެވޭގޮތަށް އެ އަތޮޅު ކަނިމީދޫ ފަތުރުވެރިކަމަށް ތަރައްގީކުރަން މަސައްކަތްކުރަމުންދާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ތިމަރަފުށި ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޕާލިމަންޓްރީ ގުރޫޕު ލީޑަރު އަބްދުﷲ ރިޔާޟް ވަނީ ތ. ކަނިމީދޫގައި ރިސޯޓެއް ތަރައްގީކުރުމަށ ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު ޢަބުދުﷲ މައުސޫމް އަރިހުން ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، އެ ރަށް ތަރައްގީކުރުމަށް ވީ އެންމެ އަވަހަކަށް ބަޔަކު ހޯދައި ހަވާލު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ކުރިން އެރަށުގެ 10 ހެކްޓަރުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ނިންމާފައި އޮތް ނަމަވެސް، މިހާރު މުޅި ރަށް ފަތުރުވެރިކަމަށް ދޫކުރުމަށް ބޭނުންވާތީ އެގޮތައް ހަމަޖައްސައިދިނުމަށް އެދި ސަރުކާރުގެ ކަމާބެހޭ އިދާރާގައި މިދިޔަ އޭޕްރީލް މަހު 13 ވަނަ ދުވަހު އެދިފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކަނިމީދޫ ކުއްޔަށް ދިނުމުގައި ސަރުކާރުގެ ވިސްނުމަކީ ތ. އަތޮޅުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު، ޚާއްޞަކޮށް ވިލިފުށީ އެއާޕޯޓް ތަރައްގީކުރެވޭ ގޮތަށް އެކަންތައް ކުރުން" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ، އެ ރަށް ތަރައްޤީކުރުމަށް ނިންމާފައި ވަނީ ކްރޮސް ސަބްސިޑީގެ އުސޫލުން ކަމަށެވެ. އަދި އެ ގޮތަށް އެރަށް ތަރައްޤީކުރުމަށް މިހާރު އިންވެސްޓަރަކާއި ވާހަކަ ދެކެވި، އެ ފަރާތުން ހުށަހަޅާފައިވާ ޕްރޮޕޯސަލާމެދު ސަރުކާރާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

މިހާރު ވަގުތީ ގޮތުން ބެލެހެއްޓުމަށް ތ. އަތޮޅު ކައުންސިލާއި ހަވާލުކޮށްފައި އޮންނަ ކަނިމީދޫއަކީ 68 ހެކްޓަރުގެ ބޮޑުމިނުގެ ރަށެކެވެ. އެ އަތޮޅުގައި ފަތުރުވެރިކަމަށް ދޫކުރުމަށް 13 ރަށެއް ކަނޑައަޅާފައި ވެއެވެ.

އެ އަތޮޅުގައި މިވަގުތު އޮތީ އެންމެ ރިސޯޓެކެވެ. އެއީ އައި.ވީ.ޕީ.އެލް އިންވެސްޓްމަންޓް ވެންޗަރސް ޕްރައިވެޓް ލިމިޓަޑް އިން ހިންގަމުން އަންނަ މާލެފުށި ރިސޯޓެވެ. 76 ކޮޓަރީގެ އެ ރިސޯޓުގައި 152 އެނދު ހުރެއެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި