"ފޮރިން ސާވިސް ޤާނޫނަކީ ޚާރިޖީ ސިޔާސަތު ހަރުދަނާކުރުމަށް ރައީސް ގެންގުޅުއްވާ ތަޞައްވަރުގެ ނަތީޖާ"

Shahid

މިއަދު އަމަލުކުރާން ފެށުނު ފޮރިން ސާވިސް ޤާނޫނަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކުރުމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ތަޞައްވަރުގެ ނަތީޖާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިއަދަކީ ދިވެހިރާއްޖޭގެ ފޮރިން ސަާވިސްގެ ޤާނޫނު ތަންފީޒުކުރަންފަށާދުވަހެވެ. މި މުނާސަބަތުގައި ފޮނުއްވި ޚިޠާބެއްގައި ޝާހިދު ވިދާޅުވީ، މިއަދަކީ ދިވެހިރާއްޖޭގެ ޚާރިޖީ ދާއިރާގެ މުވައްޒަފުންގެ ވަރަށް ބޮޑު އުއްމީދެއް ހަޤީޤަތަކަށް ވެގެން ދާ ދުވަހެއް ކަމަށެވެ.

މި މުނާސަބަތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އަށް ވަރަށް ޝުކުރުއަދާ ކުރައްވަމުން ޝާހިދު ވަނީ، މިއަދު ތަންފީޒުކުރަން މި ފަށާ ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ޤާނޫނަކީ ޚާރިޖީ ސިޔާސަތު ހިންގުން ހަރުދަނާކުރެއްވުމަށް ރައީސް ޞާލިޙް ގެންގުޅުއްވާ ތަޞައްވަރުގެ ނަތީޖާ ކަމަށް ވިދާޅުވެފައެވެ.

ވަކިން އެކުލަވާލެވިފައި އޮންނަ ފޮރިން ސާވިސްއެއް، އެއީ ވަރަށް ގިނަ މުވައްޒަފުން ވަރަށް ދިގު މުއްދަތަކަށް ދެކެމުން އައި ހުވަފެނެއްކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، ވަކި ޚިދުމަތެއްގެ ގޮތުގައި ފޮރިން ސާވިސްއެއް ޤާއިމްކުރެވުމުން އެ ދާއިރާގެ މަސައްކަތްތައް އިތުރަށްހަލުވިވެ، ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ ފޮރިން ސާވިސް އަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެންމެ ކުރީ ސަފުގައި އަބަދުވެސް ތިބެންޖެހޭނެ ބައެކެވެ. ފަސްޓް ލައިން އޮފް ޑިފެންސް އެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ އެންމެ އިސް ވާޖިބަކީ ދިވެހިރާއްޖޭގެ ސަރަހައްދުގެ މިނިވަންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ ޤައުމީ ސިޔާސަތަށް އިޙުތިރާމު ކުރުން އިތުރުކުރުމާއެކު ދިވެހިރާއްޖޭން ބައިނަލްއަޤްވާމީ މުޖުތަމަޢަށް އަދާކުރަން ޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރުމުގައި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ސިޔާސަތު ތަންފީޒުކުރުމެވެ." ޝާހިދު ވިދާޅުވެފަވެއެވެ.

މި މަސައްކަތުގައި ދިވެހި ޚާރިޖިއްޔާއިން ދެގޮތެއްނުވެ އިޚްލާސްތެރިކަމާއެކު ޚިދުމަތްކުރުމުގައި ދެމިތިބެންޖެހޭނެ ކަމަށާއި، ދިވެހި ފޮރިން ސަރވިސްއިން މިއަދު ދެކެމުން މިދަނީ ދިވެހި ޚާރިޖިއްޔާގެ 128 އަހަރުގެ ހަޔާތުގައި ކުރިން ނުދެކޭ ފަދަ ކާމިޔާބު ދުވަސްތަކެއްކަން އެމަނިކުފާނުވަނީ ފާހަގަ ކުރައްވާފައެވެ.

މިގޮތުން، އ.ދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ ހޮވިގެން ދިއުމަކީ ބައިނަލް އަޤްވާމީ މައިދާނުގައި ރާއްޖެއަށް މިހާތަނަށް ލިބިފައި ވާ ބޮޑު ކާމިޔާބީއެއް ކަމަށް ވިދާޅުވެފައި ވެއެވެ. އަދި މި ކާމިޔާބީއަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަމާއި ދިވެހި ޚާރިޖިއްޔާގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށް ވިދާޅުވެފަވެއެވެ.

"ޚާރިޖީ ދާއިރާގެ ގާބިލްކަމާއި ހުނަރުވެރިކަން އިތުރުކުރުމުގެ ގޮތުން މުވައްޒަފުން ބިނާކުރުމަށް އަބަދުވެސް އިސްކަމެއްދެއެވެ. 1983 ގައި މި މިނިސްޓްރީގައި އަޅުގަނޑު މަސައްކަތްފެށިއިރު، މި މިނިސްޓްރީގައި މަތީ ތަޢުލީމު ޙާސިލުކުރައްވައިގެން ތިއްބެވީ އެންމެ ތިން ބޭފުޅުންނެވެ. ނަމަވެސް، މިއަދު މިމިނިސްޓްރީގައި މަތީ ތަޢުލީމް ހާޞިލްކުރައްވައިގެން ތިއްބެވި 79 މުވައްޒަފުން އެބަ ތިއްބެވިކަން ފަޚުރުވެރިކަމާއެކު ފާހަގަކުރަމެވެ. މިއީ، މިނިސްޓްރީގެ ކެރިއަރ އޮފިސަރުންގެ ގޮތުގައި ޚިދުމަތްކުރައްވަމުންގެންދަވާ މުވައްޒަފުންގެ 64 އިންސައްތައެވެ." ޝާހިދު ވިދާޅުވެފަވެއެވެ.

ޝާހިދު ވިދާޅުވީ، މިއަދު ދިވެހި ފޮރިން ސާވިސްގެ ޤާނޫނު ތަންފީޒުކުރަންފަށާއިރު ދިވެހި ޚާރިޖިއްޔާގައި މިންތީގެ ހަމަހަމަކަން ގާއިމްކުރެވިފައިވާކަން ފާހަގަ ކުރަށްވާ ކަމަށެވެ. އަދި އެ ދާއިރާގެ އެންމެހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއި އިންސާފުވެރިކަން ގާއިމުވެ ކޮންމެ މުވައްޒަފަކަށްވެސް އެމުވައްޒަފެއްގެ ހިންމަތާ މިންނަތް މަސައްކަތުން ޚާރިޖީ ދާއިރާގެ އެންމެ މަތީ ހަރުފަތަށް ދިއުމުގެ ފުރުސަތު ހުޅުވިގެންދިއުމަކީ ދިވެހި ފޮރިން ސާވިސްގެ އެންމެ މުހިންމު އެއް ސިފަކަމަށް ޝާހިދުގެ ޚިޠާބުގައި ވަނީ ވިދާޅުވެފައެެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *