މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން މަގުތަކަށް ތަކެތި ވެއްޓޭގޮތަށް ހުރި ރުއްތަކާއި ގަސްތައް ސާފުކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މިދުވަސްވަރަކީ ހުޅަނގު މޫސުމުގެ ގަދަ ވަޔާއިއެކު ވިއްސާރަކުރާ ދުވަސްވަރަކަށްވާތީ، ރުއްރުކުން ހިކިފަނާއި ކާށި އަދި ގަސްގަހުން ހިކިފައިވާ ގޮފި ފަދަ ތަކެތި ވެއްޓެމުން އަންނަ ކަމަށެވެ.

Ad
rt

އެ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ އުސްކޮށް ހުރި ޢިމާރާތްތަކުގެ ޓެރަސް ނުވަތަ ބެލްކަނި ފަދަ ތަންތަނުގައި ވަޔާއިއެކު އެއްލާލާފަދަ ގޮތަކަށް ބެހެއްޓިފައި ހުރި ތަކެތި ރަނގަޅަށް ހައްޔަރުކޮށް ރައްކާތެރި ގޮތަކަށް ބެހެއްޓުމަށާއި، ފުރާޅު ނުވަތަ ބިއްގަނޑު ފަދަ ތަންތާ ޖަހާފައި ހުންނަ ޓިނު އަދި ފިލާ ފަދަ ތަކެތި ވަޔާއެކު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރު ކޮށްފައި ބެހެއްޓުމަށެވެ.

އާންމު ފަރުދުންގެ ގޯތިގެދޮރުގައި ހުންނަ ރުއްތައް ސާފުކޮށް، ގަސްގަހުގައި ހިކިފައި ނުވަތަ ވަޔާއިއެކު ފަސޭހައިން ވެއްޓޭގޮތަށް ހުރި ގޮފިތައް ކޮށާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެ ކައުންސިލުން އިލްތިމާސް ކޮށްފައިވާއިރު، މިފަދަ ކަންކަމުގައި ރައްޔިތުން ފަރާތުން އެއްބާރުލުން ދެއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

ރާއްޖެއަށް މި އަހަރުގެ ހުޅަނގު މޫސުން ފެށިފައިވާއިރު، މިއަދު ވެސް އުތުރުގެ އަތޮޅުތަކަށް މޫސުން ގޯހެވެ. ދިވެހިރާއްޖޭގެ މޫސުމާބެހޭ އިދާރާއިން އަންނަނީ ދޭތެރެ ދޭތެރެއިން ސަމާލު ނެރެމުންނެވެ.