ކުރީގެ ރައީސް އަދި މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ޒައީމު މައުމޫނު އަބުދުލްޤައްޔޫމް އެހެން ފަރާތްތަކަށް ތާއީދުކުރާކަން ވިސްނައިދިނުމަށް ފަތުރަނީ ދޮގުވާހަކަތަކެއްކަމަށް ވިދާޅުވެއްޖެއެވެ.

އެމްއާރްއެމް ގެ ޒައީމު، ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން މިރޭ އާންމުކުރެއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އެމަނިކުފާނަކީ އެހެން އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫންކަމަށާއި، އެމަނިކުފާނަކީ ހަމައެކަނި އެމްއާރްއެމް ގެ މެންބަރެއް ކަމަށެވެ.

Ad
rt

އެމަނިކުފާނަކީ އެހެން ޕާޓީއަކަށް ތާއީދުކުރާ މީހަކީމެއް ނޫންކަމަށް ބަޔާންކޮށް، އެ ނޫސްބަޔާނުގައި ވިދާޅުވެފައި ވަނީ، ފަހަކަށް އައިސް ބައެއް ސިޔާސީ ފަރާތްތަކުން ރައްޔިތުންނާ، އަދި ޚާއްޞަކޮށް އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކާ ބައްދަލުކުރާއިރު، އެމަނިކުފާނު މިހާރު ތާއީދުކުރަނީ އެ ފަރާތްތަކަށް ކަމަށް ވިސްނައިދިނުމަށް ދޮގު ވާހަކަތައް ދައްކަމުންދާ ކަމުގެ ޝަކުވާއާއި ކަންބޮޑުވުން އެކި ފަރާތްތަކުން އެމަަނިކުފާނާ ޙިއްޞާ ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑާއި ކިތަންމެ ގާތް ފަރާތެއް ނަމަވެސް، ނުވަތަ ސިޔާސީ ގޮތުން އަޅުގަނޑާއެކު ކުރިން މަސައްކަތް ކޮށްފައިވާ ފަރާތެއް ނަމަވެސް، ދައްކާ އެފަދަ ވާހަކަތަކަކީ އޭގައި އެއްވެސް ޙަޤީޤަތެއް ނެތް، ދޮގު ވާހަކަތަކެކެވެ." ރައީސް މައުމޫން ވިދާޅުވެފަވެއެވެ.

އެމަނިކުފާނު ވިދާޅުވީ، އެމްއާރްއެމް އަކީ ދިވެހިން އެދޭ އިސްލާޙީ ބަދަލުތަކެއް ޙާޞިލުކުރުމަށް އުފެދިފައިވާ އުންމީދީ ޕާޓީއެއް ކަމަށެވެ. އަދި އެ ޕާޓީގެ އަސާސްތަކަކީ، ދިވެހިންގެ ތެރޭގައި، އިހު އޮތް ދާޚިލީ ހަމަޖެހުމާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިފަހައްޓައި، އީޖާދީ ޚިޔާލުތަކާއެކު، ފުދުންތެރި، އަމާން މާދަމައެއް ކުރެހެމުންދާ މަގެއް ކަމަށެވެ.

"މިއަދު އަޅުގަނޑު ޤަބޫލުކޮށް ތާއީދުކުރާ އަސާސްތަކާއި، އަޚްލާޤާއި، ދުރުވިސްނުން ގެންގުޅޭ ހަމައެކަނި ޕާޓީއަކީ އެމް.އާރް.އެމް އެވެ. އަޅުގަނޑު އެދެނީ އަޅުގަނޑަށާއި، މި ޕާޓީގެ އަސާސްތަކާއި ދުރުވިސްނުމަށް ތާއީދުކުރައްވާ އެއްވެސް ބޭފުޅަކު ސިޔާސީ ވާދަވެރިންގެ މަކަރުވެރި ވާހަކަތަކުގައި ޖެހިވަޑައިނުގެން، އެމް.އާރް.އެމް.އަށް ތާއީދުކޮށްދެއްވައި، މި ޕާޓީއާއެކު ތިއްބެވުމަށެވެ." ރައީސް މައުމޫން ވިދާޅުވެފަވެއެވެ.