ވިލިމާލޭ ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއްނެތި ޚިދުމަތްކޮށްދޭނެކަމަށް ވިލިމާލޭ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި ވާދަކުރާ ޕީޕީއެމް ކެންޑިޑޭޓް، ފާޠިމަތު ނާޡިމާ (ފާތުން) ވިދާޅުވެއްޖެ އެވެ.
ފާތުން މިހެން ވިދާޅުވީ، ވިލިމާލޭގައި ޕީޕީއެމްއިން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނެވެ.
ޕީޕީއެމްގެ ރައީސް، ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް އާއި ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕް ބައިވެރިވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ފާތުން ވިދާޅުވެފައިވެއެވެ.
މިޖަލްސާގައި ފާތުން ވިދާޅުވީ އެގޮނޑިއަށް ހޮއްވަވައި ދެއްވައިފިނަމަ ދާއިރާގެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އެންމެ ފިޔަވަޅެއްވެސް ފަހަތައް ނާޅާނެ ކަމަށޭވެ.
"މާތްﷲގެ އިރާދަފުޅާއި އެކު ނަމޫނާ މެމްބަރަކަށް ވާނަން"
ފާތުން ވިދާޅުވި އެވެ.
އެދާއިރާގެ ރައްޔިތުންނާއެކު ފާތުން މަސައްކަތްކުރާތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ. ވިލިމާލެ ރައްޔިތުންނަކީވެސް ފާތުން ދަންނަ، ދެނެ ފަރިތަ މީހުންނެވެ.
ޕީޕީއެމްގެ ޓިކެޓުގައި އެދާއިރާއަށް ވާދަކުރައްވާ ފާތުން ސިޔާސީ މަސައްކަތްތަކުގައި އެންމެ ފުރަތަމަ އުޅެންފެށީ ރައީސް ޔާމީން އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީ ޕީއޭ އާ ހިސާބުންނެވެ. އެއަށް ފަހު ޑީއާރްޕީ އަދި ޕީޕީއެމްގައި މެދު ކެނޑުމެއްނެތި ސިޔާސީ ހަރަކާތްތަކުގައި ހަރަކާތްތެރިވަމުން އާދެއެވެ.
ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.
އެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ މެންބަރު އައިމިނަތު އީމާން ނިޔާވުމުންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!