އެހެން ރަށެއްގެ ރައްޔިތުން ހިތުގައި ޖައްސާފައި ފުނަދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމަށް އެރަށަށް ވެލި ގެނައުމަކީ ފުނަދޫ ރައްޔިތުންނާއި، އެ ކައުންސިލް ވެސް އެދޭގޮތެއް ނޫންކަމަށް ށ. ފުނަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ށ. ފޯކައިދޫ ބަނދަރު ސަރަހައްދުން ނަގާފައިވާ ވެލިން ވެލި އެހެން ރަށަކަށް ގެންދާތީ އެރަށުގެ ބައެއް މީހުން ދަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. އެރަށުގެ ބައެއް މީހުން މީސްމީޑިއާގައި މިކަމާއި ނުރުހި ޝުޢޫރުފާޅުކުރަމުންދާއިރު، އަދި އެރަށު ބައެއް މީހުން ވަނީ ބަނދަރު ސަރަޙައްދެއް އެއް ވެލި ގެންދިޔުމާއި ދެކޮޅު ހަދާފައެވެ.
މިއަދު ފުނަދޫ ކައުންސިލުން ވިދާޅުވީ، އެރަށު ފުޓް ބޯޅަނޑު ތަރައްޤީ ކުރުމުގެ މަސައްކަތަށް ބޭނުންވާ ވެލި އެހެން ރަށަކުން އެރަށަށް ގެންނަން އުޅޭކަމުގެ ވާހަކަތައް އިވެމުންދާކަމަށެވެ. އެއް ވެސް ރަށެއްގެ ބައެއްގެ ހިތުގައި ޖައްސާފައި، އެ މީހުންގެ ނުރުހުމުގައި އެފަދަ ކަމެއް ކުރަން ފުނަދޫ ރައްޔިތުން ބޭނުން ނުވާ ކަމަށާއި، އެކަން އެހެން ހިނގަމުން ދަނީ ފުނަދޫގެ ފަޅުން ވެލި ލިބޭނޭ ގޮތް ހަމަޖައްސައި، އެކަން ޔޫތު މިނިސްޓްރީއަށް އެކަން އަންގާފައި ވަނިކޮށް ކަމަށް ފުނަދޫ ކައުންސިލުން ވިދާޅުވިއެވެ.
ފުނަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ހިނގާތާ ގިނަ ދުވަސްވެ، އެ މަސައްކަތް ނުނިމި ލަސްވަނީ ފުނަދޫ ކައުންސިލުން އެއްބާރުލުން ނުދޭތީކަމަށް ޔޫތު މިނިސްޓަރު މަޚްލޫފް ވަނީ ވިދާޅުވެފައެވެ. އެކަން ފުނަދޫ ކައުންސިލުން ވަނީ ދޮގުކޮށް، ނޫސްބަޔާނެއް މެދުވެރިކޮށް އެކަން ހިނގިގޮތް އޮޅުންފިލުވައިދީފައެވެ.
މަޚްލޫފް އުޅުއްވަނީ ޒިންމާއިން ރެކި ފިތުނަ އުފައްދަން: ފުނަދޫ ކައުންސިލް (thiladhun.com)
މި އަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހު ފުނަދޫ ކައުންސިލުން ޔޫތު މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވާ ގޮތުން ފުނަދޫ ރަސްމީ ފުޓްބޯޅަ ދަނޑު ލެވެލް ކުރުމަށް އެރަށު ތެރެއިން ދެވެން ހުރި ހުރިހާ ވެއްޔެއް ވަނީ ދީފައެވެ. އަދި އިތުރު ވެލި ބޭނުންވާތީ ކައުންސިލުން އީޕީއޭގެ ހުއްދަ ހޯދާފައިވާ ކަމަށް އެ ސިޓީގައި ވިދާޅުވެފައެވެ.
"ދަނޑަށް އެޅުމަށް ބޭނުންވާ ވެލި ފުނަދޫ ބަނދަރުން ނަގައިގެން ދަނޑަށް އެޅޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުން އެދެމެވެ." އެ ސިޓީގައި ވިދާޅުވެފައިވެެވެ.
ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙީމްފުޅު މިއަދު "ތިލަދުން" އަށް ވިދާޅުވީ، އެރަށުން ވެލި ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ވަނިކޮށް، އެހެން ރަށަކުން އެރަށަށް ވެލިގެންނަން މަސައްކަތްކުރާ ކުރުމަކީ، ސިޔާސީ މަގުސަދެއްގައި، އެކަމަށް ފުނަދޫ ކައުންސިލުން އެއްބާރުލުން ނުދޭކަން ދައްކަން ކުރާ ކަމެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެން މިއޮތީ އީޕީއޭގެ ހުއްދަ ހޯދައި މި ރަށުން ވެލި ނޭގެ ގޮތް ހޯދައި ދީފައި، މިނިސްޓަރު ވިދާޅުވެފައި ވޭ 1.7 މިލިއަން ރުފިިޔާ މިރަށު ދަނޑަށް ވެލި އަޅަން ޚަރަދުވާނެ ކަމަށް، އެކަމަކު އަޅުގަނޑުމެން މި ހޯދައިދިން ހައްލުގެ ތެރެއިން މިކަން ކޮށްފިނަމަ ތިންލައްކަ ފަންސާސް ހާސް ވަރު މި ޚަރަދު ވަނީ، އަޅުގަނޑުމެން ވާނީ ކޯޓޭޝަން ނަގައި މިކަމަށް ހިނގާނެ ޚަރަދު ވެސް ބަލާފައި" އަޙްމަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ތަރައްޤީގެ ކަންކަމުގައި ފުނަދޫ ކައުންސިލްގެ އެއްބާރުލުން ލިބޭނެ ކަމަށާއި، އެ ކައުންސިލުން މަސައްކަތް ކުރަމުން ދާނީ ފުނަދޫ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަމަށެވެ.
ފޯކައިދޫން އެހެން ރަށަކަށް ގެންދަން އުޅޭ ވެއްޔާއިމެދު ދެކެވޭ ވާހަކަތަކާއި ގުޅިގެން އިއްޔެ ފޯކައިދޫ ކައުންސިލުން ވިދާޅުވެފައި ވަނީ،
ފޯކައިދޫ އިން ގިނަ އަދަދެއްގެ ވެލި ވިއްކާ ކަމަށްބުނެ ބައެއް ފަރާތްތަކުން ފަތުރަމުން ގެންދަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ. އަދި 3 ބާޖު ވެލި ބޭރުކުރާ ކަމަށް ދެކެވެނީ ދޮގު ވާހަކައެއް ކަމަށެވެ.
ކައުންސިލްގެ 2022 ވަނަ އަހަރުގެ 01 ވަނަ ޢާއްމު ބައްދަލުވުމުން ނިންމާފައި ވަނީ ޔޫތު މިނިސްޓްރީގެ ބޭނުމަށް 25 ލޮރީ ވެލި ދިނުމަށް ކަމަށާއި، އެކަމުގެ ސަބަބުން ރަށުގައި ގޯތިދޭ ސަރަޙައްދަށް އެޅުމަށާއި އެހެނިހެން ބޭނުންތަކަށް ބޭނުންވާ ވެލި މަދުނުވާނެ ކަމަށް ވެސް ފޯކައިދޫ ކައުންސިލުން ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!