"މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ 2019" ފަށައިިފި އެެވެ

ސިއްހީ ދާއިރާއަށް ޚާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު އެގްޒިބިޝަން ކުރިއަށްދާނީ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އެކްސްޕޯ ހުޅުއްވައިދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު އެވެ.

Ad
rt

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި، މި ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީ އަދި ޚިދުމަތްތައް ދޭނެ ގޮތްތަކަށް ވިޔަފާރިތައް އަހުލުވެރި ކުރުވުމާއި، އެފަދަ ޚިދުމަތްތައް ލިބިގަނެވޭނެ ގޮތައް ރައްޔިތުންނައް ޚިދުމަތް ފޯރުކޮށްދިނުމަކީ މި އެކްސްޕޯގެ އަމާޒުކަމުގައި އެކްސްޕޯ އިންތިޒާމްކުރާ އެމްވީ މެޑިކަލްސް އިން ބުނެފައިވެއެވެ.

މިއެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝާހު މާހިރު ވިދާޅުވީ މި އެކްސްޕޯއަކީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ލިބިގެންދާނެ ފުރުސަތެއް ކަމަށެވެ. އަދި މެޑިކަލް ޓުއަރިޒަމް ކުރިއެރުވުމަކީ މިނިސްޓްރީގެ އަމާޒެއްކަންވެސް ފާހަގަކުރެއްވިއެވެ.

"މެޑިކަލް ޓުއަރިޒަމް ޕްރޮމޯޓްކުރުމަކީ އަޅުގަނޑުމެންގެ އުންމީދެއް. އެކަމަށް ބޭނުންވާ ފެސިލިޓީސްތަކާއި އަދި ބޭނުންވާ ފަރާތްތައް އެކަންތައްތަކަށް ކުރިމަތިލުމަކީ އަޅުގަނޑުގެ އެދުމެއް "

ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝާހު މާހިރު

ޝާހު ވިދާޅުވީ ކުރިޔައްއޮތް ތަނުގައިވެސް މިފަދަ އެކްސްޕޯތައް އިތުރުވެގެން ދިޔުމަކީ އުންމީދެއް ކަމަށެވެ.

ހަތަރު ގައުމަކުން ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވި މި އެކްސްޕޯގައި 18 ސްޓޯލް ހުރިއިރު، މި އެކްސްޕޯއަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަކަށް ސިއްހީ ދާއިރާއާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށްވެސް އެމްވީ މެޑިކަލްސްއިން ބުނެއެެވެ.

މޯލްޑިވްސް މެޑިކަލް އެންޑް ހެލްޓް އެކްސްޕޯ ބާއްވަމުން އަންނަތާ މިއީ 3 ވަނަ އަހަރެވެ.