ށ.ފޭދޫ ކައުންސިލުން އިންތިޒާމް ކޮށްގެން އެ ރަށުގައި ހުންނަ މުއައްސަސާތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތް 2022" ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ފޭދޫގެ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަށް އާލާކުރުމާއި ހަށިހެޔޮ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމާއި، ކުޅިވަރުގެ ރޮނގުން ހުނަރުވެރި މީހުން އެ ރަށުގައި އެފެއްދުމެވެ.

Ad
rt

މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 14 ޖުލައި 2022 ގައެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ މުއައްސަސާތަކުން މުބާރާތުގައި ބައިވެރިވުމަށް ފުރިހަމަ ކުރަންޖެހޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 20 ޖޫން 2022 ވަނަ ދުވަހުގެ 14:00 ގެ ފޭދޫ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުމަށް އެ އިދާރާއިން އެދިލައްވައެވެ.

މި މުބާރާތުގެ ރަޖިސްޓަރީ ފީއެއްގެ ގޮތުގައި ފޯމާއިއެކު 500 (ފަސްސަތޭކަ ރުފިޔާ) ހުށަހަޅަން ޖެހޭއިރު، ކޮންމެ މުއައްސަސާއެއްގެ ޓީމް ލިސްޓުގައި އެ މުއައްސަސާއަކުން ބޭނުން ވެއްޖެނަމަ ރަށުން ބޭރު ތިން ކުޅުންތެރިން ހިމެނުމުގެ ފުރުޞަތު ވަނީ ދީފައެވެ.

މި މުބާރާތާއި ގުޅޭގޮތުން ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިޝަމް "ތިލަދުން" އަށް ވިދާޅުވީ، އެރަށަކީ މީގެ ކުރިން ހުނަރުވެރި ވޮލީ ކުޅުންތެރިން ތަކެއް އުފެދިފައިވީ ރަށެއް ނަމަވެސް ރަށުގައި އެކުޅުވަރު ފަހަކަށް އައިސް ވަނީ ފަނޑުވެފައި ކަމަށެވެ. އެހެންކަމުން އަލުން އެ ކުޅިވަރު ދިރުވުމަށް މި މުބާރާތަކީ އާފެށުމެއް ކަމަށް ރައިޝަމް ވިދާޅުވިއެވެ.

މުބާރާތުގެ ޤަވާއިދު: https://feydhoo.gov.mv/2081

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް: https://feydhoo.gov.mv/2084

މީގެ އިތުރުން ފޭދޫ ކައުންސިލުން ދަނީ އެ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ށ. ފޭދޫ ކައުންސިލް ފުޓްސަލް މުބާރާތް 2022" އަދި "އިންޓަރ އޮފީސް ހެންޑް ބޯލް މުބާރާތް 2022" އަންނަ ޖޫން މަހުގެ 09 ވަނަ ދުވަހު ފެށުމަށް ތައްޔާރު ވަމުންނެވެ.