ސީލައިފް ކުންފުނީގެ ޚިޔާނާތުގެ މައްސަލައަށްފަހު ރާއްޖެއިން ބޭރުގައި އުޅުނީ ފިލައިގެން ނޫން ކަމަށް އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ އައްމަޓީ ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓަށް ހުށަހެޅުމުން މިއަދު ބޭޭއްވި އަޑުއެހުމުގައި އައްމަޓީ ބުނީ އޭނާ ފިލައިގެން އުޅުނު ކަމަށް ބުނެ ދައުލަތުން ދައްކަނީ ދޮގެއް ކަމަށެވެ.
ސީލައިފް މައްސަލައަށްފަހު އައްމަޓީ ގިނަ ދުވަސްތަކެއް ވަންދެން އުޅުނީ ސްރީލަންކާގަ އެވެ. އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެނައީ މިދިޔަ އަހަރުގެ މާޗް މަހު އެވެ.
އައްމަޓީ މިއަދު ހައި ކޯޓުގައި ބުނިގޮތުގައި އޭނާ ލަންކާއަށް ދިޔައީ އޭނާގެ އާއިލާ ގާތަށެވެ. ސީލައިފް މައްސަލަ ފެންމަތިވީ ވެސް އޭގެފަހުން ކަމަށާއި އަދި މައްސަލަ ހުށަހެޅުމުން ދިވެހި ފުލުހުންނާއި ސަރުކާރާ އެކަމާ ބެހޭގޮތުން ސިޓީ ފޮނުވަމުން ދިޔަ ކަމަށް އޭނާ ބުންޏެވެ. އަދި ފޮނުވި ސިޓީތަކުގެ ތަފްސީލު ވެސް އޭނާ ކިޔައި ދިނެވެ.
އައްމަޓީ ބުނިގޮތުގައި ފިލައިގެން އުޅުނު ނަމަ އެގޮތަށް މުއާމަލާތެއް ނުކުރާނެ އެވެ. އަދި މައްސަލަ ނިމުމުގެ ކުރިން ކުރިއަށް އޮތް ތަނުގައި ވެސް ނުފިލާނެ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑު މިހިރީ މި މައްސަލަ ނިމުމުގެ ކުރިން ފިލައިގެން ތަނަކަށް ދާކަށް ނޫން." އައްމަޓީ ބުންޏެވެ.
އެކަމަކު ދައުލަތުން ބުނިގޮތުގައި އައްމަޓީ ހައްޔަރުކުރަން އިންޓަޕޯލް ރެޑް ނޯޓިސް ނެރުމުން ވެސް އެކަން ކާމިޔާބު ނުވުމުން އެންމެ ފަހުން އޭނާ ހައްޔަރުކުރީ ވިސާގެ މައްސަލައެއް ދިމާވެގެން އެނބުރި އަންނަން އުޅުމުންނެވެ. އަދި ޕާސްޕޯޓެއް ނެތި ވެސް އޭނާ ބޭރުގައި އުޅެފައިވާތީ ފިލުމުގެ ފުރުސަތު އެބައޮތް ކަމަށް ދައުލަތުން ބުންޏެވެ.
އައްމަޓީގެ ވަކީލުން ބުނިގޮތުގައި އައްމަޓީގެ އެކްޓިވް ޕާސްޕޯޓެއް މިވަގުތު ނެތުމުން އޭނާއަށް ފިލޭކަށް ނުވެސް އޮންނާނެ އެވެ. އަދި ޕާސްޕޯޓެއް ނެތް މީހަކު ފިލާނެ ކަމަށް ބުއްދި ގަބޫލު ނުކުރެވޭނެ ކަމަށް ވަކީލުން ބުންޏެވެ. އެކަމަކު ދައުލަތުން ތަކުރާރުކޮށް، ބުނީ އައްމަޓީ ފިލާނެ ކަމަށް އަދިވެސް ބެލެވޭ ކަމަށެވެ.
އެ މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލާފައިވާތީ ދެން އޮންނާނީ ހުކުމް އިއްވުމެވެ.
މިއީ އައްމަޓީ ބަންދުން ދޫކޮށްލި ތިން ވަނަ ފަހަރެވެ. ކުރިން ދެފަހަރަށް ދަށު ކޯޓުން އޭނާ ދޫކޮށްލުމުން ވެސް އޭނާ ބަންދުކުރީ ހައި ކޯޓުގެ އަމުރަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!