ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ޝައުގުވެރިވާ ޒުވާން ހޯދުމަށް މޯލްޑިވްސް ކަރެކްޝަން ސަރވިސްގެ ޓީމެއް ކުޅުދުއްފުށީ ސިޓީއަށް ޒިޔާރަތްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު އާންމުކުރެއްވި ޢިއުލާނެއްގައި ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަން ސާވިސްގައި މަސައްކަތް ކުރުމަށް ގިނަ އަދަދެއްގެ އޮފިސަރުން ހޯދުމަށް އެ ސާވިސްއިން ބޭނުންވާ ކަމަށެވެ.
އެހެންކަމުން މިކަމަށް ޝައުގުވެރިވާ ޒުވާނުން ހޯދުމަށް މޯލްޑިވްސް ކަރެކްޝަން ސަރވިސްގެ ޓީމެއް ކުޅުދުއްފުށީ ސިޓީއަށް ޒިޔާރަތް ކުރުމަށް ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
ކަރެކްޝަން ސާވިސްގެ ޓީމް ކުޅުދުއްފުށީ ސިޓީއަށް ކުރާ ދަތުރުގައި އެ ސިޓީގެ 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނާ ބައްދަލުކޮށް ޒުވާނުންނަށް ހުރި ފުރުސަތުތައް ކިޔައިދޭނެއެވެ. މި ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ އަންނަ މެއި މަހުގެ 9 ވަަނަ ދުވަހުގެ ރޭ ގަނޑު 20:30 ގައެވެ.
ކުޅުދުއްފުށީ ސިޓީން ވަނީ މިބައްދަލުވުމުގައި ބައިވެރިވުމަށް ޝައުގުވެރިވާ އެ ސިޓީގެ 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުން އެކަމަށް ޚާއްޞަކޮށްފައިވާ ލިންކް މެދުވެރިކޮށް 8 މެއި 2022 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން ރަޖިސްޓްރީ ވުމަށް އެދިފައެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ޝައުގުވެރިވާ ޒުވާން ހޯދުމަށް ކުޅުދުއްފުށީ ސިޓީއަށް ދަތުރެއް ކުރަން ނިންމާފައިވާއިރު، އެ އިދާރާގެ ބެލުމުގެ ދަށުން ހިންގާ 3 ޖަލުކަމުގައިވާ މާފުށީ ޖަލު، މާލެ ޖަލު އަދި އައްސޭރި ޖަލުގައި މިވަގުތު 1200 އަށްވުރެ ގިނަ މީހުން ބަލަހައްޓަމުން ދެއެވެ. އަދި ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި 200 ށްވުރެ ގިނަ ބޭރުމީހުން ބަލަހައްޓަމުން ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!